ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ގާއިމު ކޮށްދީފައިވާ އޮއިވާލި ކަނދުފަތިތަކަށް ބައެއް ފަރާތްތަކުން ގަސްތުގައި ގެއްލުން ދެމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު އާއްމު ކުރި އިއުލާނެއްގައި ވަނީ ފަހަކަށް އައިސް އޮއިވާލި ކަނދުފަތިތަކުގައި އުޅަނދުގެ ވާ އައްސައިގެން ބައެއް ފަރާތްތަކުން މަސްވެރިކަން ކުރަމުން އަންނަ ކަމަަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ، ކަނދުފަތީގެ ތިން މޭލު ކައިރިން އެފަދަ އަމަލުތައް ކުރުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން މަނާ ކޮށްފައިވާ ކަމެއް ކަމަށެވެ.

"ކަނދުފަތިތަކުގެ 3 މޭލު ކައިރީގައި ދިރޭ އެން ޖަހައިގެން އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ވަދުއެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމާއި، ކަނދުފަތީގެ ބޮޔަށް ވައު އައްސައި އޭގައި ދޯނިފަހަރު އަޅައިގެން ތިބުން ފަދަ އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް ޢަމަލެއް ކުރުމަކީ ޤާނޫނު ނަންބަރު 5/87 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 3 ވަނަމާއްދާގެ ދަށުން ބާރުލިބިގެން ހަދާފައިވާ މަސްވެރިކަމުގެ ގަވާއިދުގެ 17 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެކެވެ،" އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޝަރީޒް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ އޮއިވާލި ތަކަށް ގެއްލުން ދީ އަދި އޮއިވާލި ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ކަން އެނގިއްޖެ ނަމަ އެ ސަރަހައްދެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރުމަށްވެސް އެ އިއުލާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.

އޮއިވާލި ކަނދުފަތި ގާއިމު ކުރުމުގެ މަޝްރޫއަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއަކަށް ވާތީ، ގަސްތުގައި ގެއްލުން ދީގެން ކަނޑައިގެން ދާ ކަނދުފަތިތައް އަވަސް މުއްދަތެއްގައި ގާއިމު ކޮށްނުދެވޭނެ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.