16 Dec 2015, 14:01
ފިނޭންސް މިނިސްޓްރީގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ވަކި ކުރަން އުޅޭ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށާއި އެ މިނިސްޓްރީގައި ތިބި ފަންނީ މުވައްޒަފުންތަކެއް ސަރުކާރުގެ އެހެން އޮފީސްތަކަކަށް ބަދަލު ކުރަން ރައީސް އަބްދުﷲ ޔާމީން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ މިހާރުގެ މަސައްކަތްތަކަށް ބެލުމަށް ފަހު ފިނޭންސް މިނިސްޓްރީގައި މީގެކުރިން އުފައްދާފައިވާ ޑިޕާޓްމަންޓުތައް އުވާލަން ފިނޭންސް މިނިސްޓްރީއަށް މިދިޔަ މަސް ތެރޭގައި އަންގާފައިވާ ކަމަށެވެ.
"އެ ޑިޕާޓްމަންޓުތައް އުވާލައްވާއިރު ތަނުގައި ތިއްބެވި ފަންނީ މުވައްޒަފުން ފަހަރުގައި ވެދާނެ ފަންނީ މުވައްޒަފުންގެ އަދަދު އެހާ ވަރަށް އަރަނީ ކަމަށް. ފަންނީ މުވައްޒަފުން ސަރުކާރުގެ ތެރެއިން ސިވިލް ސާވިސްގެ ތެރެއިން ސަރުކާރުގެ އެހެން އޮފީސްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވާނީ ދަންނަވާފައި،" މުއާޒު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު މިއަދު ބުނީ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަކި ކުރަން ރައީސް އޮފީހުން އަންގާފައިވާ އިރު ބައެއް ސެކްޝަންތައް އުވާލަން ވެސް އަންގާފައިވާ ކަމަށެވެ.
އެގޮތުން އޭނާ ބުނީ އެއްކޮށް އުވާލުމަށް ނިންމާފައިވާ ސެކްޝަނުގެ ތެރޭގައި ކޮންމެ އަހަރެއްގައި ވެސް ދައުލަތުގެ ބަޖެޓު ހަދަމުން އަންނަ ބަޖެޓު ސެކްޝަނާއި ޑެޓް ސެކްޝަން އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އައިޓީ ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަ ކުރާ މުވައްޒަފުން ވަކި ކުރަން އަންގާފައިވާ އިރު ކޮންމެ ޑިވިޝަނަކުން ދެ މުވައްޒަފުން ވަކި ކުރުމަށް އަންގާފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ގިނަ އޮފީސްތަކުގައި ފަންނީ މުވައްޒަފުންގެ ބޭނުން ނުހިފި ގިނަ އަދަދަކަށް ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ މުވައްޒަފުން އެ އޮފީސްތަކުން މަދުކޮށް އެހެން އޮފީސްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ރައީސް އޮފީހުން އަންނަނީ ކުރަމުން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
"މިނިސްޓްރީ އޮފް ފިނޭންސްގައި ވެސް ހަމަ މިގޮތަށް ބޭނުން ނުކުރެވޭ ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ތިއްބެވިކަން ފާހަގަކުރެވިގެން ދިޔަ. އެންމެ ބޮޑަށް އެކަން ފާހަގަކުރެވިގެން އެ ދިޔައީ ކުރީގެ މަސައްކަތްތަކަށް ބެލުމަށްފަހު އެ މިނިސްޓްރީގެ ތެރޭގައި އުފައްދާފައި ހުރި ބައެއް ޑިޕާޓުމަންޓުތައް." މުއާޒު ވިދާޅުވި އެވެ.