ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިންކާރު ކުރައްވައިފި އެވެ.

ޒިޔަތު ދައުވާ އަށް އިންކާރު ކުރެއްވީ މިއަދު ކްރިމިނަލް ކޯޓުގައި ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުންނެވެ.

"އާދެ ދައުވާ ސާފުވެއްޖެ. އަޅުގަނޑު ދާއުވާ އަށް އިންކާރުކުރަން،" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެމްއެމްޕީއާރްސީން ކުއްޔަން ދިނުމުން، އެކަމުގެ އަގުގެ ގޮތުގައި އެ ކުންފުނީގެ ފަރާތުން ދައުލަތަށް ދެއްކި 1،000،000 ޑޮލަރުގެ ޗެކަކާ ޒިޔަތު ހަވާލުވެ، އެ ޗެކުގައިވާ ފައިސާ ދައުލަތަށް ލިބިފައި ނުވާތީ އެވެ.

ޒިޔަތުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ ހެކީން ސިއްރުކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

އިސް ގާޒީ ވިދާޅުވީ އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށާއި ހަމައެކަނި ހުށަހަޅާފައި ވަނީ ދައުވާ ފޯމު އެކަނި ކަމަށެވެ.

ޒިޔަތުގެ ގާނޫނީ ވަކީލު ވެސް މިއަދު ޝަރީއަތަށް ހާޒިރުވެފައިވާއިރު ދައުވާ އަށް ޖަވާބުދާރީވާން ހަތް ދުވަހުގެ ފުރުސަތެއް ކޯޓުން ވަނީ އޭނާ އަށްދީފައެވެ.