އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާނދީ އާއި އޭނާގެ ދަރިފުޅު އަދި ޕާޓީގެ ނައިބު ރައީސް ރާހުލް ގާނދީ ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.

ސޯނިއާ އާއި ރާހުލް ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ 2010 ވަނަ އަހަރު އެ ޕާޓީ އިން ނޭޝަނަލް ހެރަލްޑް ނޫސް ގަވާއިދާޚިލާފަށް ގަނެފައިވާ ކަމަށް ބުނެ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މަހު 19 ވަނަ ދުވަހު ޑިސްޓްރިކްޓް ކޯޓަށް ހާޒިރުވުމަށް އެ ދެ މީހުންނަށް އަންގާފައިވާ އިރު، އެ ދެމީހުންގެ ފަރާތުން ވަނީ ކޯޓަށް ހާޒިރު ވާން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ދިއްލީ ހައި ކޯޓަށް ހުށަހަޅައިފި އެވެ. ނަމަވެސް އެ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.

ކޮންގްރެސްގެ ލީޑަރުން ބުނެފައި ވަނީ އިންޑިއާގެ ޖުޑީޝަރީ އަށް އިހްތިރާމް ކުރާ ކަމަށާއި އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވާނެ ކަމަށެވެ. އަދި ޖުޑީޝަރީ އަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ވެސް ބުނެފައިވެ އެވެ.

މައްސަލަ ހުށަހެޅި ބީޖޭޕީގެ މެންބަރު ބުނެފައި ވަނީ ނޫސް ގަނެފައި ވަނީ ކޮންގްރެސް ޕާޓީގެ ފައިސާ ގަވާއިދާ ހިލާފަށް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ސޯނިއާ ގާނދީ އަދި ރާހުލް ގާނދީ ވެސް ވަނީ ނޫސް ގަތުމުގައި ގަވާއިދާޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.