20 Dec 2015, 11:36
ސިޔާމް މައުރޫފް ސޮކާ ކަޕްގައި ގްރޫޕް ބީގައި ހެނބަދޫއާ ދެކޮޅަށް ކުޅުނު މެޗުން 1-3ގެ ނަތީޖާ އަކުން އެންމެ ފަހުގެ ޗެމްޕިއަން މަނަދޫ މޮޅުވެ ގްރޫޕްގެ އެއްވަނާގައި ހަމަޖެހިލައިފި އެވެ.
އެ ނަތީޖާއާ އެކު ކުޅުނު ތިން މެޗުން މަނަދުއަށް ލިބުނު ހަތް ޕޮއިންޓާ އެކު އޮތީ އެއްވަނައިގަ އެވެ. ދެވަނާގައި މާޅޭންދޫ އޮތީ ދެ މެޗުން ދެ ޕޮއިންޓް ލިބިގެންނެވެ. ހެނބަދޫ ތިން ވަނާގައި ކުޅުނު ދެ މެޗުން އެއް ޕޮއިންޓް ލިބިގެން އޮތް އިރު މާފާރު އޮތީ ހަތަރުވަނައިގަ އެވެ. އަދި މަގޫދޫ އޮތީ ފަސް ވަނައިގަ އެވެ.

ސިޔާމް މައުރޫފް ސޮކާ އިއްޔެ ހަވީރު ހެނބަދޫއާ މަނަދޫ ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ: ހަފްސީ އަބްދުﷲ
ކުޑަފަރީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި މަނަދު އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އިބްރާހިމް ނައުފަލް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަބޫބަކުރު އެވެ. ހެނބަދޫ އަށް ސުން ކަޑުވާލަ ދިނީ ހުސައިން އަބްދުﷲ ކާމިޔާބު ކުރި ގޯލުންނެވެ.
މިމުބާރާތުގައި މިއަދު ވެސް ވަނީ މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ މާފަރާއި މަގޫދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ އިއްޔެ ހަވީރު ހެނބަދޫއާ މަނަދޫ ކުޅުނު މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިބްރާހިމް ނައުފަލް އަށް ޓްރޮފީ ހަވާލު ކޮށްދެއްވަނީ --- ފޮޓޯ: ހަފްސީ އަބްދުﷲ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެގުމުގެ މަތިން މިދިޔަ އަހަރުން ފެށިގެން ނ. އަތޮޅުގައި ބާއްވަމުން އަންނަ އެ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ އިރު ރަނަރަޕް ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައިފަ އެވެ.
މިމަހުގެ 11 ވަނަ ދުވަހު ފެށި އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ޖެނުއަރީ އެކެއް ގައެވެ.