ބަނގުލަދޭޝްގެ ފުޓްބޯޅަ އިދާރާއިން އެ ގައުމުގައި ބާއްވަމުން އަންނަ ބަންގުބަންދު ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ބައިވެރިވާން ނިންމައިފިއެވެ.

ބަނގުލަދޭޝްގެ ޑާކާގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 އިން 18 އަށް ބާއްވާ ބަންގުބަންދު ގޯލްޑް ކަޕްގައި ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމް ބައިވެރިވާން ނިންމާފައިވާ ކަމަށް އެފްއޭއެމް އިން މިއަދު ވަނީ ބުނެފައެވެ.

އެ މުބާރާތުގައި ގައުމީ ޓީމު ބައިވެރިވާން ނިންމުމުން، އިންޑިއާގައި މިމަހު 23 ވަނަ ދުވަހު ފަށާ ސާފު ސުޒުކީ ކަޕްގައި ވެސް ވާދަކުރާ ގައުމީ ޓީމަށް މި ދެ މަސްތެރޭގައި ވާދަވެރި ގިނަ މެޗުތަކެއް ކުޅުން ލިބޭނެ އެވެ.

އެގޮތުން ޒުވާން ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ ގައުމީ ޓީމް ގިނަ މެޗްތަކެއް ކުޅެން ލިބުމުން ކުރިއަށް އޮތް ސާފް ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ރަނގަޅު ތަޖުރިބާ ތަކެއް ލިބިގެންދާނެ އެވެ.

ޑާކާގެ ސެލްހެޓް ޑިސްޓްރިކް ސްޓޭޑިއަމްގައި ބާއްވާ އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ހަތް ޓީމް ބައިވެރިވެ އެވެ. އެއީ ބަނގުލަދޭޝް ގެ ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމުގެ އިތުރުން މެލޭޝިއާ، ބަހްރެއިން، ސްރީލަންކާ އަދި ނޭޕާލެވެ.

މީގެ ކުރިން ތިން ފަހަރަކު ބޭއްވި އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އެންމެ ފުރަތަމަ އެ މުބާރާތް ކާމިޔާބު ކުރި މެލޭޝިއާއެވެ.

އެންމެ ފަހުގެ ޗެމްޕިއަންކަން މެލޭޝިއާގެ 23 އަހަރުން ދަށުގެ ޓީމު ކާމިޔާބު ކުރީ މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ބަލިކުރުމަށް ފަހައެވެ.

މި މުބާރާތަށް ތައްޔާރުވާން ބަނގުލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމުން ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފަރިތަކުރަން ފަށާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ.