ސިޔާމް މައުރޫފް ސޮކަރ ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަގޫދޫން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ތިން ގޯލް ޖަހައިގެން 3-1 ގެ ނަތީޖާ އަކުން މާފަރުން އެ މެޗް ކާމިޔާބް ކޮށްފިއެވެ.

އެ މުބާރާތް މިއަހަރު ބާއްވާ ރަށް ކަމަށްވާ ކުޑަފަރީގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ 15 ވަނަ މިނިޓްގައި މަގޫދޫއަށް މެޗުގެ ކުރިހޯދައިދިނީ އިނާޒް އަބްދުﷲ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕް: މިއަދު ހަވީރު މަގޫދުއާއި މާފަރު ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ: ހަފްސީ އަބުދުﷲ

މާފަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗްގެ 32 ވަނަ މިނެޓްގައި މުހައްމަދު ހަސަން އެވެ. ފުރަތަމަ ހާފް އެ ނަތީޖާގައި އޮވެ ނިމުނު އިރު ދެވަނަ ހާފްގެ 50 ވަނަ މިނެޓްގައި މާފަރުންވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދައިފައެވެ. އެ ގޯލް އައްޒާމު އަބްދުﷲ ކާމިޔާބް ކުރި އިރު މާފަރުގެ ތިން ވަނަ ގޯލް ވެސް ކާމިޔާބް ކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އައްޒާމު އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒު ކޮށްގެން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު މިދިޔަ އަހަރުން ފެށުގެން އެ އަތޮޅުގައި ބާއްވާ އެ މުބާރާތުގެ ކުޅުން ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދާއިރު ޗެމްޕިއަން ޓީމަށް އެއްލަށްކަ ރުފިޔާ ލިބެއެވެ. އަދި ރަނަރަޕް ޓީމަށް ބައިލައްކަ ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕް: މިއަދު ހަވީރު މަގޫދުއާއި މާފަރު ކުޅުނު މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އައްޒާމު އަބްދުﷲ އަށް ޓްރޮފީ ހަވާލުކޮށްދެއް ވަނީ --- ފޮޓޯ: ހަފްސީ އަބުދުﷲ

މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ މެޗުތައް މިމަހުގެ 29 އަދި 30 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

އެ މުބާރާތުގައި މާދާމާ ކުޑަފަރީ ނިކުންނާނީ ކެދިކުޅުދުއާ ދެކޮޅަށެވެ.