ސާފް ސުޒުކީ ކަޕްގައި ވާދަ ކުރާ އެހެން ޓީމުތަކަށް އެންމެ އުނދަގޫ ޓީމަށް ރާއްޖެ ވެގެންދާނެ ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާފު ސުޒުކީ ކަޕްގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާނާއި ބަނގުލަދޭޝް އަދި ބޫޓާނާއެކު ގުރޫޕް ބީގައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ހާބަޓް ބުނީ އޭނާގެ ފޯކަސް މިވަގުތު ހުރީ ސާފް ސުޒުކީ ކަޕަށް ކަމަށާއި ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާ ކާރު ކުޅުންތެރިންނާއެކު ރާއްޖޭގެ ޓީމް ވަރުގަދަ ވާނެ ކަމަށެވެ.

އަފްޣާނިސްތާންގެ ކޯޗު ޕީޓާ ސެގާޓް މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނީ ގުރޫޕް ސްޓޭޖުގައި އަފްޣާނިސްތާނަށް އެންމެ ޓަފް ޓީމަކީ ބަނގުލަދޭޝް ކަމަށެވެ. ސެގާޓްގެ ވާހަކައަށް އިޝާރާތްކޮށް ހާބަޓް ބުނީ އޮސްޓްރޭލިއާ ފަދަ ޓީމުތަކާ ބަނގުލަދޭޝް ވާދަކޮށްފައިވުމުން އެމެޗްތަކުގެ ތަޖުރިބާއިން ބަނގުލަދޭޝް އިތުރަށް ވަރުގަދަ ވާނެ ކަމައް ކަމަށެވެ.

"ރާއްޖެއިން މިޓާގެޓް ކުރަނީ ދިގު މުއްދަތަކަށް. މިގޮތަށް މަސައްކަތް ކުރެއްވިއްޖެޔާ އަހަންނަށް ޔަގީން އަހަރެމެން އެންމެ އުފާވާ ފަދަ ޓީމެއް ރާއްޖޭގައި އޮންނާނެ. އަހަރެންގެ އުންމީދު ކުރަނީ ރާއްޖެއަކީ އެހެން ޓީމުތަކަށް އެންމެ ޓަފް އޮޕޯނަންޓަކަށް ވާނެ ކަމަށް،" ހާބަޓް ބުންޏެވެ.

ގުރޫޕް ބީ އަކީ މުބާރާޓުގެ އެންމެ ވާދަ ވެރި ގުރޫޕް ކަމަށާއި ފުރަތަމަ މެޗްގައި ބޫޓާނާ ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ހޯދިއްޖެނަމަ ދެން ހުރި މެޗްތަކާ ކުރިމަތިލާއިރު އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ހާބަޓު ބުންޏެވެ.

ރާއްޖެއާ ބޫޓާން ކުޅޭ މެޗް އޮންނަނީ ބުރާސްފަތި ދުވަހު ހަވީރުއެވެ.