23 Dec 2015, 22:56
ސާފް ސަރަހައްދުގެ ޑޮމެސްޓިކް މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ލީގަކީ އިންޑިއާގެ އިންޑިއަން ސުޕަލީގެވެ. އަދި އެ މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ބިދޭސީ ކުޅުންތެރީންނާއި ކޯޗުންނަށް ބަލާލިޔަސް އެ ލީގަކީ ހައިބަތު ހުރި ލީގެއް ކަން ހާމަވެއެވެ.
އިނގިރޭސި ވިލާތުގެ ކުރީގެ މޮޅު ކުޅުންތެރިޔާ ޕީޓާ ކްރައުޗާއި، ފްރާންސަށް 1998 ގެ ވޯލްޑްކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކްލައުޑީ މަކަލޭލޭވެސް ދަނީ އިންޑިއަން ސުޕަލީގުގައި ވާދަ ކުރަމުންނެވެ.
މީގެ އިތުރުން ބްރެޒިލުގެ ކުރީގެ އެއްވަނަ ޕްލޭމޭކަރު ރޮބާޓޯ ކާލޯސްވެސް ދަނީ ކޯޗެއްގެ ގޮތުގައި ދިއްލީ ޑައިނަމޯގައި މަސައްކަތް ކުަރަމުންނެވެ. މި ހުރިހާ ފުޓްބޯޅައިގެ އެކްސްޕާޓުންނާއެކު ސުޕަލީގަކީ މުއްސަދި ލީގެކެވެ.
ކޮންމެ ގައުމެއްގައިވެސް ލީގު ވަރުގަދަ ވުމަކީ އެގައުމެއްގެ ފުޓްބޯޅައަށް ކުރިއެރުން ގެނެސްދޭ ކަމެކެވެ. އެކަން އޭޝިއާއިންނާއި ޔޫރަޕްގެ ގައުމުތަކުންވެސް ފެނިގެންދެއެވެ.
ނަމަވެސް އިންޑިއާގައި މިއުސޫލާ އެއްގޮތަށް މަސައްކަތް ކުރާކަމަކަށް ސުޕަލީގްގައި ވާދަ ކުރާ އެފްސީ ގޯއާގެ ކޯޗް ބްރަޒިލުގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ޒިކޯ އެއްބަހެއް ނުވެއެވެ. ޒިކޯގެ ނަޒަރުގައި އިންޑިއާ ސުޕަލީގަކީ ފުޓްބޯޅައިގެ ޓެކްޓިކްސްތަކުން ކިތަންމެ މުއްސަދި ލީގެއް ކަމުގައި ވީނަމަވެސް އޭގެ ފައިދާ އިންޑިއާގެ ފުޓްބޯޅައަކަށް ނުކުރެއެވެ.
ޒިކޯ ބުނީ ދައްކާލަން ކުޅޭނަމަ އިންޑިއަން ސުޕަލީގް ރަނގަޅު ކަމަށާއި ނަމަވެސް ސުޕަލީގުން އިންޑިއާގެ ފުޓްބޯޅައަށް ކުރާ ފައިދާއަކީ ސުމެއް ކަމަށެވެ.
އޭގެ ސަބަބެއް ކަމަށް ޒިކޯ ބުނީ ސުޕަލީގްގެ ކުލަބުތަކަށް ލިމިޓެއް ނެތި ގެންނަ ބިދޭސީ ކުޅުންތެރިންގެ ސަބަބުން އިންޑިއާގެ ކުޅުންތެރިންނަށް އެޖާގަތައް ގެއްލި ވާދަވެރި ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް ނުލިބުމެވެ.
އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށްވެސް ސުޕަލީގްގެ ކުލަބުތަކުން ޖާގަ ހޯދުމަށް ދަތިވުމަކީވެސް ޒިކޯ އިޝާރާތް ކުރި ސަބަބެކެވެ.
އަނެއް ސަބަބެއް ކަމަށް ޒިކޯ ފާހަގަ ކޮށްފައިވަނީ ސުޕަލީގު ނިމުމަށްފަހު ލިބޭ ދިގު މުއްދަތުގެ ބްރޭކުގެ ސަބަބުން އަލުން ލީގު ފަށާއިރު ކުޅުންތެރިންގެ އަސްލު ފިޓްނަސް އެއްވަރެއްގައި ނުހިފެހެއްޓުމެވެ.
ޒިކޯ ބުނީ ސުޕަލީގު، އާ ފިލޯސަފީއެއްގެ މައްޗަށް ބަދަލު ކުރަންޖެހޭ ކަމަށާއި އެ ފިލޯސަފީ ވާން ޖެހޭނީ ސުޕަލީގްގެ ސަބަބުން އިންޑިއާގެ ފުޓްބޯޅައަށް ފައިދާ ކުރާ ބަދަލަކަށް ކަމަށެވެ.
ސުޕަލީގަށް ބަދަލު ގެނައުމުގައި ޒިކޯގެ ފިލޯސަފީއަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނީ އިންޑިއާގެ ސުޕަލީގްވެސް ޖަޕާނާއި، ޔޫއޭއީއާއި ގަތަރާއި ކަޒަކިސްތާންގެ ލީގު ގޮތަށް ބަދަލު ކުރުމަށެވެ.
"ވަރަށް އިހްތިރާމާއެކު ބުނަން ޖެހޭނީ އިންޑިއަން ސުޕަލީގަކުން އިންޑިއާގެ ފުޓްބޯޅައަށް ގެނައި އެއްވެސް ފައިދާއެއް ނެތޭ. އަހަންނަކަށް މިކަމުން އިންޑިއާގެ ފުޓްބޯޅައަށް އެއްވެސް ފައިދާއެއް އަންނަ ތަނެއް ނުފެނޭ. އެހެނެއްނޫން ދައްކާލަން ރަނގަޅު އެކަމުން އިންޑިއާގެ ފުޓްބޯޅައަށް މިކަމުން ލިބެނީ ސުމެއް،" ޒިކޯ ބުންޏެވެ.
މިފަހަރު ސާފް ސުޒުކީ ކަޕާ އިންޑިއާ ޓީމު ކުރިމަތިލީއިރު އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެއިންޓެން ފާހަގަ ކުރީ މުބާރަތަށް ކުޑަތަންވެގެން އައިއިރުވެސް ސުޕަލީގްގައި ކުޅޭ އިންޑިއާގެ ގައުމީ ޓީމު ކުޅުންތެރީން ވީއްލަން ކުލަބު ތަކުން ބޭނުން ނުވި ވާހަކައެވެ.
ސުޕަލީގްގެ މިއަހަރުގެ މުބާރާތް ނިމުނީވެސް ސާފް ސުޒުކީ ކަޕް ފެށެން ތިން ދުވަހަށް ވެފައިވަނިކޮށެވެ.
ދެހާސް ތޭރަ ވަނަ އަހަރު ސުޕަލީގް ފެށީ، އިންޑިއާކީ ފުޓްބޯޅައިގައި ނަންހިނގާ ގައުމަކަށް ހެދުމަށްޓަކައެވެ. ނަމަވެސް ރެގިއުލޭޝަންގެ އެއްވެސް ޕްރޮސީޖާއެއް ނެތި އިންޑިއާގެ ފުޓްބޯޅައަށް ސީދާ އެލީގުން ލިބޭ ފައިދާއެއް ނެތެވެ.