ނިއުދިއްލީ (ޑިސެމްބަރ 24): އިންޑިއާގެ ނިއުދިއްލީގެ ކޯޓެއްގެ ތެރެއަށް އިއްޔެ ހަތަރު ޒުވާނަކު ދިން ހަމަލާތަކުގައި ދިއްލީ ފުލުހަކު މަރުވެ އިތުރު މީހަކު ޒަހަމްވެއްޖެ އެވެ.

އެހަމަލާ ދީފައި ވަނީ އިރްފާން ނަމަކަށް ކިޔާ ގޭންގް މެމްބަރެއްގެ ޝަރީއަތް ކުރުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުންނެވެ. ޝަރީއަތް ފަށަން އުޅެނިކޮށް ހަތަރު ޒުވާނަކު ވަނީ ކޯޓު ދޮރުމަތީގައި ތިބެގެން އިރްފާނަށް ބަޑިން ހަމަލާދީފައި އެވެ. އިރްފާން ސަލާމަތްވީ އޭނާ ކައިރީ ހުރި ފުލުސް މީހާ ޝީލްޑެއްގެ ގޮތުގައި ބޭނުން ކޮށްގެންނެވެ. އިރްފާންގެ ގަޔަށް ތިން ވަޒަން އެރި އެވެ. އޭނާ އަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި މަރުވީ ރާމް ކުމާރު ނަމަކަށް ކިޔާ ފުލުހެކެވެ. ރާމްގެ މަރުގެ ބަދަލުގައި އޭނާގެ އާއިލާއަށް 1 ކުރޯޑު ރުޕީސް ދިނުމަށް ދިއްލީގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ނިންމާފަ އެވެ.

ހަމަލާ ދިނުމަށް ފަހު ހަމަލާ ދިން މީހުން ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކޯޓުގައި ތިބި ސަލާމަތީ ފަރާތްތަކުންނާއި ވަކީލުންގެ އެހީތެރިކަމާ އެކީ އެމީހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އެހަމަލާ ދިން މީހުން ހަތިޔާރާ އެކު ކޯޓުގެ ސެކިއުރިޓީ ފަހަނައަޅާ ކޯޓަށް ވަން ގޮތާއި އެހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދުމަށް ފުލުހުން މިހާރު ތަހުގީގު ފަށާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. (ނޫސްއޭޖެންސީތައް)