ކާނިވާ ސަރަހައްދުގައި ޕާކްކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިހުރި އުޅަނދު ތަކާއި ގަވާއިދާ ޚިލާފަށް ހުރި އުޅަނދުތައް އެސަރަހައްދުން ނަގައި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިހާތަނަށް ގިނަ އުޅަނދުތަކެއް އެސަރަހައްދުން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނާ ހައުސިން މިނިސްޓްރީ އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރަމުންދާ އެ މަސައްކަތް މިއަދު ހެނުނު ފަށާފައިވާއިރު އެ ސަރަޙައްދުގައި ހުރި އަމިއްލަ މީސްމީހުންގެ އުޅަނދު އެސަރަހައްދުން ނެގުމުގެ ކުރިން އުޅަނދުގެ ވެރިފަރާތާ އުޅަނދު ހަވާލު ކުރުމުގެ މަސައްކަތް އެސަރަހައްދުގައި ތިބޭ ފުލުހުން ދަނީ ކުރަމުންނެވެ.

ކާނިވާ ސަރަހައްދުގައި ހުރި ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ގަވާއިދާ ޚިލާފަށް އެސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށްފަހު ތިލަފުށްޓަށް ބަދަލު ކުރުމަށް ފުލުހުން ވަނީ ނިންމައިފައެވެ.

މީގެ އިތުރުންވެސް އެއްވެސް މީހެއްގެ ނަމުގައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައިވެސް ރަޖިސްޓްރީ ކުރުމެއް ނެތި ކާނިވާ ސަރަހައްދުގައި ބަހައްޓާފައިހުރި އުޅަނދުތައްވެސް އެސަރަހައްދުން ނައި ތިލަފުއްޓަށް ބަދަލު ކުރަން ވަނީ ހަމަޖެހިފައެވެ.

ކާނިވާ ސަރަހައްދުން ނަގާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެ ބާވެފައިވާ ތަކެތި ގަވާއިދުގެ މަތިން ނައްތާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.