Last Updated: 10 year 11 month ago

ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ގްރޫޕް 'އޭ'ގެ އިންޑިއާ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

މެޗުގެ ފަހު ހާފުގައި ރޮބިން ސިންގު ޖަހައިދިން ދެ ލަނޑުން 2-0 އިން ސްރީ ލަންކާ ބަލިކޮށް، ސާފް ސުޒުކީ ކަޕްގައި އިންޑިއާގެ ފެށުން ރަނގަޅުކޮށްފިއެވެ.
ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ ޓީމުން ވަނީ، ލަންކާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެހެން ނަމަވެސް، ލަންކާގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލުމަށް އިންޑިއާ ޓީމަށް 52 މިނިޓް ހޭދަކުރާން ޖެހުނެވެ.
މިއަދުގެ މެޗަށް ލަންކާ ޓީމު ނުކުތްއިރު އެޓީމު ވަނީ، އެއް މެޗު ކުޅެފައެވެ. މި މުބާރާތުގައި ލަންކާ ކުޅުނު ފުރަތަމަ މެޗުން ނޭޕާލުއަތުން އެޓީމު ވަނީ، ހަމަ މިއަދު ކުޅުނު ފަދަ ޑިފެންސިވް ގޭމެއް ކުޅެ، މެޗުގެ ފަހު ވަގުތު ކައުންޓާ އެޓޭކްގައި ލަނޑެއް ކާމިޔާބުކޮށް 1-0 ލަނޑުން މޮޅުވެފައެވެ. އަދި މިއަދުގެ މެޗުން މޮޅުވި ނަމަ، ނުވަތަ އެއްވަރު ކޮށްލެވުނު ނަމަވެސް ލަންކާއަށް ދެވަނަބުރު ކަށަވަރު ކުރެވުނީހެވެ.
މިއަދުގެ މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ހަމަލާ އައީ މެޗުގެ 6 ވަނަ މިނިޓްގައެވެ. ޕްރިތަމް ކޮޓަލް ލަންކާ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ޖަހައި ގޯލަށް ފޮނުވާލި ނަމަވެސް ލަންކާ ކީޕަރު ސުޖާން ޕެރޭރާ ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފައެވެ.
އިންޑިއާގެ ޑެލީ ޑައިނަމޯސްއަށް ކުޅޭ ފޯވާޑް ރޮބިންއާއި ޖޭޖޭ ލާލްޕެކްލުއާ ކުރިއަށް ލައިގެން ޗެތުރީއާއި ސަންޖޫ ޕްރަދާން ދެފަރާތުން އެހީތެރިވުމަށް ބައިތިއްބައިގެން އިންޑިއާ ޓީމުން ލަންކާ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި ވެސް އުފެއްދިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ރޮބިން ކާމިޔާބުކުރީ 52 ވަނަ މިނިޓްގައެވެ. އޭނާ އެ ލަނޑު ޖެހީ ޗެތުރީ ވަރަށް ރީތިކޯށް ތަނަވަސް ކޮށްދިން ބޯޅައެއް ވާތުފައިން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ. ރޮބިން އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 75 ވަނަ މިނިޓްގައެވެ. ޗެތުރީ ބޮލުންޖަހައި ރޮބިންއަށް ދިން ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭހުރެ ގޯލަށް ފޮނުވާލުމުން އެ ބޯޅަ ގޯލްތެރެއަށް ވަނީ، ލަންކާގެ ޑިފެންޑަރަކު ބޯޅަ ކްލިއާ ކުރަން މަސަައްކަތްކުރަނިކޮށް އޭނާގެ ފައިގައި ޖެހިފައެވެ.
މެޗު ނިމެން ދަނިކޮށްވެސް އިންޑިއާ ޓީމުން ވަނީ، ނަތީޖާ އިތުރަށް ފުޅާކުރާނޭ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް، ލަންކާގެ ޑިފެންޑަރުންގެ ބުރަ މަސައްކަތުން ވަނީ އިންޑިއާ އިތުރު ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފަހައްޓައިފައެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއް ވަނައިގައި މިހާރު އޮތީ 3 ޕޮއިންޓް ފައިދާ ގޯލާއެކު އިންޑިއާ އެވެ. އަދި 3 ޕޮއިންޓާއެކު ގްރޫޕްގެ ދެ ވަނައިގައި ލަންކާ އޮތްއިރު، ނޭޕާލް އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.
މި މުބާރާތުގައި އިންޑިއާ ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ. ގްރޫޕް އޭއިން ސެމީއަށް ދާ ދެޓީމެއް ކަށަވަރުވާނީ އެ މެޗުގެ ނަތީޖާއިންނެވެ.











