25 Dec 2015, 17:35
ބ. ތުޅާދޫ ބަނދަރުގައި އޮއްވައި ރޭގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބުނު އޭދަފުށީ ނިޔާމަ ބޯޓުގައި ހިނގި ހާދިސާއަކީ ބައެއްގެ ހަމަލާއަކުން ހިނގި ކަމެއް ކަމަށް އެ ބޯޓްގެ ވެރިޔާ މުޙައްމަދު ނައީމް ބުނެފިއެވެ.
ނައީމް "ސަން"އަށް ބުނީ ކުއްލިއަކަށް އަލިފާނުގެ ހާދިސާއެއް ހިނގާ ފަދަ އެއްޗެއް ބޯޓްގައި ނުހުންނާނެ ކަމަށެވެ.
"...އަޅުގަނޑަށް ލަފާ ކުރެވެނީ ހަމަ ބައެއްގެ ކަމެއް ކަމަށް. އެފަދަ ހާދިސާއެއް ހިނގާ ފަދަ އެއްޗެއް ނުހުންނާނެ ބޯޓަކު،" ނައީމް ބުންޏެވެ.
ނައީމް ބުނީ ބޯޓުގައި އަލިފާން ރޯވެ ލިބުނު ގެއްލުން ފައިސާއިން އަދަދު ކުރާ ނަމަ ތިން މިލިޔަނަށް އަރާނެ ކަމަށެވެ. އަދި އެ ބޯޓް އަލުން މަރާމާތު ކުރަން ވެއްޖެނަމަ ވަރަށް ބޮޑު ހަރަދެއް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ރޭ މެންދަމު 2:30 އެހާކަންހާއިރު އެ ހާދިސާ ހިނގިއިރު، ބޯޓުގައި ބިދޭސީ ފަސް މީހަކު ތިބި ކަމަށާއި އެ މީހުން ސަލާމަތްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ރޯވި އަލިފާން ނިއްވާލެވުނީ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި އަލިފާން ނިއްވާލެވުނުއިރު، ބޯޓުގެ ބޮޑުބައި އަނދައި ހުލިވެފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު، ބޯޓުގައި މުދަލެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަލިފާން ރޯވިއިރު، އެ ބޯޓުގައި ފަސް ބިދޭސީއަކު ތިބި. އެ މީހުން ބުނަނީ ބާރު އަޑެއް އިވިގެން ބަލައިލިއިރު، ރޯވެފައިވާ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ނިޔާމަ ބޯޓުގައި ރޯވި އަލިފާން ނިއްވާލީ ތުޅާދޫ ރައްޔިތުންނާއި އެ ރަށުގައި ތިބޭ ފުލުހުން ގުޅިގެންނެވެ.