އަފްޣާނިސްތާނުގެ ހިންދުކުޝް ސަރަހައްދަށް ރެކްޓާ މިންގަނޑުން 6.5ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

ޖީއެމްޓީ ގަޑިން ރޭ 12:50 އެހާކަންހާއިރު 203.5 ކިލޯ މީޓަރު އަޑިން އައި އެ ބިންހެލުމުގެ އަސަރު މިނެޓެއްހާ އިރަށް ދެމިގެން ދިޔަކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަފްޣާނިސްތާނާއި ޕާކިސްތާން އަދި ތަޖިކިސްތާން ގުޅުވައިދޭ ބޯޑަރު ކައިރިއަށް އައި އެ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށެވެ. އަދި އަވަށްޓެރި އިންޑިއާގެ ދިއްލީ އާއި ޕާކިސްތަނުގެ އިސްލާމްއާބާދާއި ކަޝްމީރު އަދި ވެސް ބިންހެލުމުގެ އަސަރު ވަނީ ކޮށްފަ އެވެ.

މި ބިންހެލުމާ ގުޅިގެން، އަފްާނިސްތާނުގެ މުވާސަލާތީ ޚިދުމަތަށް މެދުކެނޑުނު ނަމަވެސް އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައި ނެތްކަމަށް، އަފްޣާނިސްތާނުގެ މީޓިއަރޮލޮޖިކަލް ސެންޓަރުން ހާމަކުރެ އެވެ.

އެހެން ނަމަވެސް ޕާކިސްތާނުގެ ބައެއް އިމާރާތްތައް ވެއްޓި ހިނގި ހާދިސާތަކުގައި 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވާކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

ބިންހެލުން އައުމާ އެކު، ބިންހެލުމުގެ އަސަރު ކުރި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން އިމާރާތްތަކުން ނުކުމެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް ނުބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވެސް ހަމަ އެ ސަރަހައްދަށް ވަނީ ރެކްޓާ މިންގަނޑުން 6.2 ގެ ބާރު މިނުގެ ބިންހެލުމެއް އައިސްފަ އެވެ.