ދިމިޝްގު (ޑިސެމްބަރު 27) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އެންމެހާ ޖަމާއަތްތައް އެއްގަލަކަށް އެރުމަށް ޖައިޝުލްއިސްލާމް ޖަމާއަތުގެ އައު ލީޑަރު އަބޫހައްމާމް އަލްބުވައިޟާނީ ގޮވާލައިފި އެވެ.
ޖައިޝުލްއިސްލާމް ޖަމާއަތުގެ ލީޑަރުކަމަށް އިސްކުރުމާގުޅިގެން އަބޫހައްމާމް ދިން ޚިތާބެއްގައި ބުނީ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވާ ރަހްމަތްތެރި ގައުމުތަކާއި އުޚުއްވަތްތެރި ގައުމުތަކުގެ ކިބައިން އެދެނީ ހައްގުގައި ތިބި ފަރާތްތަކާއި މުޖްރިމުން ވަކިކޮށް މުޖްރިމުންގެ ހަގީގަތް ހާމަކުރުމަށެވެ. އަދި ސޫރިޔާއަކީ ނުބައި އެންމެހާ ބާރުތައް ގުޅިގެން ހައްގުގައި ތިބި ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރާބިމެއް ކަމަށާއި ނަމަވެސް ހައްގަށް ނަސްރުލިބި ނުބައިބާރުތަކުގެ ކިބައިން ސޫރިޔާގެ ރައްޔިތުން ސަލާމަތް ކުރެވޭނެކަމަށްވެސް އަބޫހައްމާމް ބުނެފައިވެ އެވެ.

އަބޫހައްމާމްގެ ވާހަކާގައި ޖައިޝުލްއިސްލާމް ޖަމާއަތުގެ ކުރީގެ ލީޑަރު ޒަހްރާން އައްލޫޝް އަކީ ޝަހީދެއްކަމަށް ސިފަކުރި އެވެ. އޭނާ މަރުވީ ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުންގެ ދިފާއުގައި ޖިހާދު ކުރަމުން ގެންދަނިކޮށްކަމަށް ވެސް އަބޫހައްމާމް ބުނެފައިވެ އެވެ. ޖައިޝުލްއިސްލާމް ޖަމާއަތުގެ ކުރީގެ ލީޑަރު ޒަހްރާން އައްލޫޝް މަރުވީ ރަޝިޔާގެ މަތިންދާބޯޓުތަކުން މިދިޔަ ހުކުރު ދުވަހު ސޫރިޔާއަށް ދިން ވައިގެ ޙަމަލާތަކެއްގަ އެވެ. ރަޝިޔާ އިން ސޫރިޔާއަށްދޭ ވައިގެ ޙަމަލާތަކުގެ ބޮޑުބައި އަމާޒުކުރަނީ ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހުރިހާ ޖަމާއަތްތަކެއް ބަލިކޮށްލުމަށެވެ. މީގެ ތެރޭގައި އައިއެސް ޖަމާއަތް ވެސް ހިމެނެ އެވެ. ނަމަވެސް ރަޝިޔާއިން ސޫރިޔާއަށް ވަދެގެންއުޅެނީ އައިއެސްއާ ހަނގުރާމަކޮށް އެޖަމާއަތް ބަލިކޮށްލުމަށް ކަމަށް ބުނެފަ އެވެ.

ޖައިޝުލްއިސްލާމް ޖަމާއަތަކީ ދީނީ ފިކުރުގެ ޖަމާއަތެކެވެ. ނަމަވެސް މިޖަމާއަތަކީ އައިއެސް ޖަމާއަތްފަދަ ހައްދުފަހަނަޅާފައިވާ އަދި މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައްދީ އިސްލާމީ ޝަރީޢަތާ ޚިލާފަށް މުސްލިމުން މަރައި ކަރުބުރިކޮށް އަންހެނުން އަޅުވެރިކޮށްގެން އުޅޭ ޖަމާއަތެއްވެސްނޫނެވެ. އަދި މިއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރެވޭ ޖަމާއަތެއްވެސް ނޫނެވެ. މީގެއިތުރުން މިއީ އެހެން މުސްލިމުންނާއި ޖަމާއަތްތަކަކީ ކާފަރުންކަމަށް ސިފަކުރާ ތަކްފީރީ ޖަމާއަތެއްވެސް ނޫނެވެ. އެހެންކަމުން ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އިސްލާމީ ބައެއް ގައުމުތަކާ އަދި ހުޅަނގުގެ ބައެއް ގައުމުތަކާ ޖައިޝުލްއިސްލާމް ޖަމާއަތުން ގުޅުންތައް ބާއްވަމުން ގެންދެ އެވެ. ޖައިޝުލްއިސްލާމް ޖަމާއަތަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ސޫރިޔާގެ މެދުމިނުގެ ފިކުރުގެ އެތަށް ޖަމާއަތެއްގެ ތެރެއިން އެންމެ ބޮޑު އެއްޖަމާއަތެވެ.
ޖައިޝުލްއިސްލާމް ޖަމާއަތަކީ ވެސް ސޫރިޔާގެ އެހެން ޖަމާއަތްތައް ފަދައިން އައިއެސް ޖަމާއަތުގެ ޝިކާރައަކަށް ވެފައިވާ ޖަމާއަތެކެވެ. (އަލްޖަޒީރާ)