ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރެއްވި ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާގެ ތުހުމަތު ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މިހާރު ނުކުރާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ވިދާޅުވި ވާހަކަފުޅު، ފުލުހުން ދޮގުކޮށްފި އެވެ.

އަދީބުގެ މައްޗަށް ލޯންޗުކޮޅު ގޮވި މައްސަލާގައި ތުހުމަތު ނުކުރާކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް މިއަދު ނެރުނު ބަޔާން ދޮގުކޮށް ބުނެފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލާގައި އަދީބުގެ މައްޗަށް ކުރާ ތުހުމަތަށް ބަދަލެއް އައިސްފައިވާކަން ފުލުހުން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހްގީގްކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ހަގީގަތާ ހިލާފަށް ފުލުހުންނާއި ހަވާލާދީ އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ގާނޫނީ ވަކީލު ހުސެއިން ޝަމީމްގެ ނަމުގައި ނެރެފައިވާ ބަޔާނުގައި ފުލުހުންނަށް ނިސްބަތްކޮށް ބުނެފައިވާ ވާހަކަތަކީ ދޮގެއްކަމަށާއި އަދި މިއަމަލު ކުށްވެރިކުރާކަމުގައި ދަންނަވަން "ފުލުހުންގެ ބަޔާން

ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ފުލުހުންގެ މަސައްކަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަދައްކާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ވަކީލުން އެފަދަ އެއްވެސް ކަމެއް ނުކުރަން ފުލުހުން ވަނީ ގޮވާލާފަ އެވެ.

އަޙްމަދު އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމަކީ އެއްވެސް ޙަގީގަތެއް ނެތް، ހަދައިގެން ދައްކާ ވާހަކަތަކެއްކަން ކަށަވަރު ވެއްޖެ ކަމަށް ބުނެ ޝަމީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަދީބު އެންމެ ފުރަތަމަ ހައްޔަރު ކުރީ، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލިކަމުގެ ތުހުމަތުގައި ކަމަށެވެ.

ގާނޫނީ ވަކީލް ހުސައިން ޝަމީމް- ފޮޓޯ/ އޭޕީ

ނަމަވެސް ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ ދުވަހު ފުލުހުންގެ ތަހުގީގުގައި ކޮށްލި "ދެތިން ސުވާލެއް ފިޔަވައި، އިތުރު އެއްވެސް ސުވާލެއް" ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ އަދީބުގެ މައްޗަށް މިހާރު ތުހުމަތު ކުރެވެނީ، ހަމައެކަނި އެމްއެމްޕީއާރުސީގެ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

"އެއީ، އަޙްމަދު އަދީބު އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު (ފިނިފެންމާ ލޯންޗުގައި ގޮވުމެއް ގޮއްވާލިކަމުގެ) ތުހުމަތުން ވީއްލި، އެބަންދުން މިހާރު އަޙްމަދު އަދީބު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ޔަގިންކޮށްދީފައިވާތީ އެވެ. ފުލުހުން މަޢްލޫމާތު ދެއްވި ގޮތުގައި އަޙްމަދު އަދީބުގެ މައްޗަށް މިހާރު ތުހުމަތު ކުރެވެނީ، ހަމައެކަނި އެމްއެމްޕީއާރުސީގެ މައްސަލައެކެވެ." ޝަމީމްގެ ބަޔާނުގައިވެ އެވެ.

ޝަމީމް ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި "ބޮމެއް ގޮއްވާލައި އެންމެ ބޮޑު ޚިޔާނާތްވި ކަމަށް ސަރުކާރުން ދެއްކި ވާހަކަތަކަކީ" އަދީބުގެ ސިޔާސީ ޙަޔާތާ މެދު ޙަސަދަވެރިވެފައިވާ ބަޔަކު، އިސްވެތިބެ، އެއްވެސް ހެއްކެއް ނެތި ސިޔާސީ ބޭނުމެއްގައި ދައްކާފައިވާ ވާހަކަތަކެއްކަން މިހާރު ކަށަވަރުވާ ކަމަށެވެ.