27 Dec 2015, 23:12
ސާފް ސުޒުކީ ކަޕްގައި ގްރޫޕް ބީގައި މާދަމާ ދިވެހި ރާއްޖެ އާއި އަފްގާނިސްތާނު ކުޅޭ މެޗުގެ ޓިކެޓްގައި މެޗު ފެށޭ ގަޑި ނުބައިކޮށް އިން ނަމަވެސް އެ ޓިކެޓަށް މާދަމާ މެޗު ބަލަން ވަދެވޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އަފްގާނިސްތާނާއި ރާއްޖެ ބައްދަލު ކުރާ މެޗު މާދަމާ ފަށާނީ އިންޑިއާ ގަޑިން 6:30 ގަ އެވެ. ނަމަވެސް ރާއްޖެ ގަޑިން އެ މެޗު ފަށާނީ 6:00 ޖަހާއިރު އެވެ.
އެފްއޭއިމް އިން މިރޭ ބުނީ މާދަމާ ޓުރެވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރާއްޖެ އާއި އަފްގާން ކުޅޭ މެޗު ފަށާ ގަޑީގެ ގޮތުގައި 9:00 ގައި ޖެހިފައި ވަނީ އިންތިޒާމު ކުރާ ފަރާތްތަކަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށެވެ.
މާދަމާ ރާއްޖެ ބައްދަލު ކުރާ މެޗުގެ ގަޑި ނުބައިކޮށް ޓިކެޓުގައި ލިޔެފައިވާ އިރު، މި މުބާރާތުގެ އިންތިޒާމްތަކާ މެދު ގައުމުތަކުގެ ކޯޗުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އެ ކޯޗުންތަކުގެ ތެރޭގައި އިންޑިއާގެ ކޯޗު ވެސް ހިމެނެ އެވެ.
ސާފް ސުޒުކީ ކަޕްގެ ސެމީފައިނަލަށް ގޮސްފައިވާ ހަތަރު ޓީމު ކަށަވަރު ވެފައިވާ އިރު މާދަމާ ރާއްޖެ އިން އަފްގާނިސްތާނާ ދެ ކޮޅަށް ކުޅޭ މެޗުން އެ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދާ ޓީމު ކަށަވަރުވެގެންދާނެ އެވެ.
ގުރޫޕް އޭގައި ހުރިހާ މެޗެއް ވެސް ކުޅެ ނިމުފައިވާ އިރު އެ ގުރޫޕްގެ އެއްވަނި ޓީމުގެ ގޮތުގައި ހަ ޕޮއިންޓާ އެކު އިންޑިއާ ސެމީ އަށް ގޮސްފައިވާ އިރު ސްރީ ލަންކާ ދެވަނަ ބުރަށް ގޮސްފައި ވަނީ ތިން ޕޮއިންޓާ އެކީގަ އެވެ.
އޮގޮތުން ސެމީގައި ޓީމުތައް ވާދަ ކުރަން ޖެހޭނީ ގުރޫޕް އޭ ގެ އެއް ވަނައަށް ދާ ޓީމު ގުރޫޕް ބީގެ ދެވަނަ ޓީމާއި ކުޅޭ ގޮތަށެވެ. އަދި ގުރޫޕް އޭގެ ދެ ވަނަ ޓީމު ނުކުންނާނީ ގުރޫޕް ބީގެ އެއްވަނަ ޓީމާއި ދެކޮޅަށެވެ.
ގުރޫޕް ސްޓޭޖު ގެ ފަހު މެޗުގައި މާދަމާ ގައުމީ ޓީމް އަފްގާނިސްތާނާއި ދެ ކޮޅަށް ނުކުންނައިރު ރާއްޖޭގެ ސަޕޯޓަރުން އެއް ސަރަހައްދެއްގައި ބޭތިއްބޭނެ އިންތިޒާމުތައް ހަމަ ޖެއްސުމަށް އެފްއޭއެމް އިން އަންނަނީ ވަރަށް ބޮޑަށް މަސަތްކަތް ކުރަމުންނެވެ.