ވޮޝިންޓަން (ޑިސެމްބަރު 28) : އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކަށް ކުރިމަތިވި ނަގޫރޯޅިތަކާއި ފެންބޮޑުވުމުގެ ޙާދިސާތަކުގައި 20 މީހުން މަރުވެ އެތައް ބަޔަކު ގެއްލިއްޖެ އެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި ދެކުނުގެ 6 ސްޓޭޓަކަށްވަނީ ނަގޫރޯޅި އަރައިފަ އެވެ. ނަގޫރޯޅި އެރި ސްޓޭޓްތަކުގެ ތެރޭގައި އާކެންސޯ، ޓެނިސީ، މިސިސިއްޕީ، އަލަބާމާ އަދި ކެންޓަކީ ހިމެނެ އެވެ. މި ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންވެސް ވަނީ ބޮޑުވެފަ އެވެ. އެމެރިކާގެ ފެޑްރަލް މަސްއޫލުވެރިން ވިދާޅުވި ގޮތުގައި މި ޙާދިސާތަކުގައި 400 އަށް ވުރެ ގިނަ ހަލާކުވެފައިވާ އިރު 60 މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި ދެމީހަކުވަނީ ގެއްލިފަ އެވެ. ނަގޫރޯޅި އެރި ސްޓޭޓްތަކުގެ ބައެއް ސަރަހައްދުތަކުގެ ގަސްތައްވެސް ވަނީ މުލުން ލުހިގެން ވެއްޓިފަ އެވެ.

އެމެރިކާގެ މޫސުމާބެހޭ އިދާރާއިންވަނީ އުތުރުގެ ބައެއް ސްޓޭޓްތަކަށް ކުރިޔަށްއޮތް 48 ގަޑީއިރު ތެރޭގައި ސްނޯގެ ތޫފާނެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފައެވެ. މި ތޫފާނަކީ ސްނޯގެ އާދައިގެ ތޫފާނަކަށް ނުވާނެ ކަމަށްވެސް މޫސުމާބެހޭ އެމެރިކާގެ ތަޖްރިބާކާރުން ވިދާޅުވެއެވެ. އަނެއްކޮޅުން އެމެރިކާގެ އަވަށްޓެރި ލެޓިން އެމެރިކާގެ ގައުމުތަކަށް ވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ.

މިވިއްސާރައާއެކު ބްރަޒިލް، އާޖެންޓީނާ، ޗިލީ އަދި އުރުގުއޭއާއި ޕެރަގުއޭގައިވަނީ ފެންބޮޑުވެފައެވެ. އަދި ކެނެޑާއަށްވެސް ސްނޯގެ ތޫފާން އަތުވެދާނެކަމުގެ އިންޒާރު އެގައުމުގެ މޫސުމާބެހޭ ފަރާތްތަކުންވަނީ ދީފައެވެ. މިދުވަސްވަރަކީ ދުނިޔޭގެ އުތުރުގެ ގައުމުތަކަށް ފިނި މޫސުމެވެ. އަދި ދެކުނުގެ ގައުމުތަކަށް ހޫނު މޫސުމުވެ. ހޫނު ގަދަވުމުގެ ސަބަބުން އޮސްޓްރޭލިޔާގެ ޖަންގަލިތަކުގައިވަނީ އަލިފާން ރޯވެފައެވެ. މިއަލިފާންގަނޑު ނިއްވާލެވޭނެ ދުވަހެއް ނޭންގޭކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)