ކުޑަކުދިންގެ ހިޔާއަށް ފޯރުކޮށްދެން ދާ ފަރާތްތަކަށް ކުދިންނާ ބައްދަލު ނުކުރެވޭ ގޮތަށް އުސޫލެއް ކަނޑައަޅައިފި އެވެ.

ސަން ޓީވީގެ 50 މިނިޓް ޕްރޮގްރާމުގައި ރޭ ވާހަކަފުޅުދައްކަވަމުން ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވީ ހިޔާއަށް ތަކެތި ނުވަތަ ފައިސާ ހަދިޔާ ކުރައްވަންދާ ފަރާތްތަކުން ކުދިންނާ ބައްދަލުކޮށްފައި ކުދިންނަށް ހަދިޔާ ދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް ޒީނާޒް ވިދާޅުވީ އެގޮތަށް ކުދިންނާ ބައްދަލުކޮށްފައި ހަދިޔާ ދިނުމަކީ ކުދިންނަށް "ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވޭ" ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ކަހަލަ އެހީއެއްދޭން ދާ ފަރާތަކަށް ކުދިންނާ ބައްދަލު ނުކުރެވޭ ގޮތަށް އުސޫލެއް ކަނޑައަޅާފައިވާ ކަމަށް ޒީނާޒް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންތަކެއް: އެހީދޭން ދާފަރާތްތަކުން ކުދިންނާ ބައްދަލު ކުރުމުން ކުދިންނަށް އެހެންކަހަލަ އިހުސާސެއް ކުރެވޭ ކަމަށް ޒީނާޒް ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ

"ކުދިންނާ ބައްދަލު ކުރެވޭނީ. ކުދިންނަށް ހާއްސަކޮށްގެން އެފަރާތްތަކުން ރާވާ އިވެންޓެއްް ނުވަތަ ކުޑަކުދިންގެ ހަވީރެއް އަދި ކުޅިވަރު ހަރަކާތެއް ވިޔަސް އެހަރަކާތެއްގެ ތެރެއިިން ކުދިންނާ ބައްދަލު ކުރެވިދާނެ." ޒީނާޒް ވިދާޅުވި އެވެ.

ކުދިންނަށް ހާއްސަކޮށްގެން ދޭ އެހީތަކާ ހަވާލުވާނީ ކުޑަކުދިންގެ ހިޔާއިން ވެރިން ކަމަށާއި އެއަށް ފަހު ކަންކުރަން ޖެހޭ އުސޫލުން ކުދިންނަށް އެލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ޒީނާޒް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަވޭ، ކުދިންނާ ބައްދަލުކޮށްފައި ހަދިޔާ ދިނުމަކީ ކުދިންނަށް ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވޭ ކަމެއްކަން"ޒީނާޒް

ވިހޭތަނުން ފެށިގެންގޮސް 18 އަހަރާ ދެމެދުގެ ކުދިން ކުޑަކުދިންގެ ހިޔާގައި ތިބި އިރު އޭގެތެރޭގައި އެންމެ ގިނައީ 10 އަހަރުން ދަށުގެ ކުދިން ކަމަށް ޒީނާޒް ވިދާޅުވި އެވެ. މުޖުތަމައުގެ ތެރޭގައި ހުރި ބޮޑެތިއިޖުތިމާއީ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިތިބި ކުދިން ކުޑަކުދިންގެ ހިޔާގައި ނިސްބަތުން ގިނަ ކަމަށް ޒީނާޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

ސަރުކާރުން ވަނީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން "ދަރުމައަށް ކުދިން ބެލެހެއްޓުމަށް" ބޭނުންވާ ފަރާތްތަކަށް ދިނުމަށް ނިންމައި ހާއްސަ އުސޫލެއް އެކުލަވާލައިފަ އެވެ.

ކުޑަކުދިންގެ ހިޔާގައި މިއަހަރު ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން އާއިލާތަކާ ކުދިން ހަވާލު ކުރުމަށް އެކަން ފަސޭހަ އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް "ދަރުމައަށް ކުދިން ބެލެހެއްޓުމަށް" އުސޫލެއް މިހާރު ގެޒެޓު ކޮށްފައިވާނެ ކަމަށް ލޯ އެންޑް ޖެންޑަރު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ އަޝްރަފު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގައި ކުދިންތަކެއް ގޭމު ކުޅެނީ -- ސަން ފައިލް ފޮޓޯ

"އޭގެ އެންމެ ބޮޑު ބޭނުމަކީ. ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް އަޅުގަނޑުމެން ބޭނުންވޭ އާއިލާއެއްގެ ލޯބި ހޯދައިދޭން. އެކުދިންނަކީ ހަގީގަތުގައި އާއިލާއެއްގެ ލޯތްބާއި އަޅާލުމާއި އެހީތެރިކަން ލިބިގެން ބޮޑުތިވުމުގެ ފުރުސަތު ލިބޭ ކުދިންނަނަށް ވަންޏާ، އެހެނެ ކުދިންނެކޭ އެއްގޮތަށް މުޖުތަމައުއަށް ފައިދާ ހުރި ކުދިންނަށް ވެގެން ދާނެ." އަޝްރަފް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާއަކީ ކުދިންނަށް ރައްކާތެރި މާހައުލެއް ނަމަވެސް ކުދިންނަށް އެންމެ ރަނގަޅު ގޮތަކީ ހިޔާގައި ބޮޑުވުން ނޫން ކަމަށް ދިރާސާތަކުން ވެސް ދައްކާކަން އަޝްރަފް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ކުދިންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އަދާކުރުމުގެ ގޮތުން ދަރުމައަށް ކުދިން ބެލުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިގެން ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރުމައަށް ކުދިން ބެލުމަށް އެދޭ ފަރާތްތަކާ ކުދިން ހަވާލުކުރާނީ ވެސް އެފަރާތްތަކުގެ އެސެސްމެންޓެއް ތައްޔާރު ކުރެވި ވަކި އިންތިޒާމެއްގެ ދަށުން ކުދިންނަށް ފައިދާ ހުރި ގޮތަކަށް ކަމަށް އަޝްރަފް ވިދާޅުވި އެވެ.