28 Dec 2015, 11:47
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު ނައިލޯނުގެ، އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު)ގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ޝުމްބާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ސްރީލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.
ޝުމްބާ ގޮންގްއާ ބެހޭ ގޮތުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ޝުމްބާ ގޮންގް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އަދީބު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ގިނަ ޓުވީޓްތަކެއް ކޮށްފަ އެވެ.