"ދީނުގެ އަޑު" ނަމުގައި ދިވެހިރާއްޖޭގެ އަޑުން ރޭޑިއޯ ޗެނަލެއް އިފްތިތާހުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ޗެނަލް ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

އެ ޗެނަލް އަޑު އެހޭނެ ރޭޑިއޯ ފްރިކުއެންސީ އަކީ 90 މެގަހާޓްސް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އިސްލާމީ ޗެނަލެއް ދިވެހިރާއްޖޭގެ އަޑުން އިފްތިތާހު ކުރުމަކީ ރާއްޖޭގެ ރައްޔިތުން ދީނީ ކަންކަމަށް އިތުރަށް ހޭލުންތެރިވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ޗެނަލް އިފްތިތާހުކުރެއްވި ކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަަށާއި އަދި ޕީއެސްއެމްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުގެ މަތިން އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ނުވާނެގޮތަށް ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މައުލޫމާތު އޮޅުވާ ނުލުމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް މިނިސްޓަރު ޒިޔާދު އެދިވަޑައިގަތެވެ.

"މިއަދު އިފްތިތާހު ކުރެވުނު މި ދީނީ ޗެނަލަކީ ދީނީ މައުލޫމާތުތައް ލިބުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބި އިސްލާމީ ފިކުރާއި އިސްލާމީ ޝަހުސިއްޔަތު އެއް ވިސްނުމަކަށް ބަދަލުކޮށްލާނެ ވަސީލަތަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" އިސްލާމިކް މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ޗެނަލުން ދީނާބެހޭ މައުލޫމާތުތައް ފެތުރުމުގައި އިސްލާމިކް މިނިސްޓްރީން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން އެ ޗެނަލުން ދޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވީ ދީނީ ޗެނަލެއް މިއަދު އެ ކުންފުނިން އިފްތިތާހުކޮށްފައިވާ އިރު، އަތޮޅު ތެރެއަށް އެ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތަށް ހިދުމަތް ފުޅާކުރުމަށް މި ފަންނުގައި ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތަކުގައި ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ހުރިހާ އެއްބާރުލުމަށް ޓަކައި ރައީސް ޔާމީނަށް އަދި އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.