30 Dec 2015, 12:53
ނަސަންދުރާ ޕެލެސް ހޮޓެލް ތަޅާލައި އެތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ފުލުހުންގެ ތަހުގީގު ޓީމުން ސުވާލުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި އަދީބާ ސުވާލުކޮށްފައި ވަނީ ރޭގެވަގުތެއްގަ އެވެ. ފުލުހުން ކުރި ސުވާލުތަކުގެ ޖަވާބުގައި އަދީބު ވިދާޅުވެފައި ވަނީ އެތަން ހަވާލުކުރުމުގެ އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
ނަސަންދުރާ ތަޅާލުމަށް ފަހު އެތަން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ، މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ގެލެކްސީ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެކުންފުނިން މިހާރު ވަނީ އެތަން ތަރައްގީކުރުމަށް ސްރީ ލަންކާގެ ކުންފުންޏަކާ އެކު ސޮއިކޮށްފަ އެވެ.
ގެލެކްސީ އެންޓަޕްރައިޒަސް އިން ލަންކާ ބަޔާކާ ގުޅިގެން އުފެއްދި އަލްފާ ކިނަމް ހޮލްޑިން ލަންކާ ޕްރައިވެޓް ލިމިޓެޑަށް އެތަން ތަރައްގީ ކުރުމުގެ ހުއްދަ އެ ގައުމުގެ ބޯޑް އޮފް އިންވެސްޓްމަންޓުން ވަނީ ދީފަ އެވެ.