30 Dec 2015, 18:28
ޓްރިވެންޑްރަމް، އިންޑިއާ (30 ޑިސެމްބަރު) -އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަކުން ކުޅުންތެރިންގެ އަޒުމަކަށް ބަދަލެއް ނާންނަކަމަށާއި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުމުގެ ހިތްވަރު ދިވެހި ޓީމުގައި އެބަހުރިކަމަށް ގައުމީ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.
ސާފް ސުޒުކީ ކަޕްގެ ސެމީފައިނަލުގައި މާދާމާ އިންޑިއާއާ ދެކޮޅަށް ނިކުންނަ މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ހާބަޓް ބުނީ، އަފުޣާނިސްތާން މެޗްގައި ރެސްޓް ދިން ކުޅުންތެރިން މާދަމާގެ މެޗުގައި ފެނިގެންދާނެ ކަމަށާއި އަދި އެ ކުޅުންތެރިންނާއެކު އިންޑިއާއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށެވެ.
އިންޑިއާގެ ފޯވަޑް ރޮބިން ސިންހަށް އަނިޔާވެ މާދަމާގެ މެޗުގައި ނުކުޅެވޭނެ ކަން ހާމަކޮށްފައިވާއިރު އެކަމާ ބެހޭގޮތުން ވާހަކަދައްކަމުން ހާބަޓް ބުނީ، ރޮބން ސިންހަށް އަނިޔާ ވުމަކީ އިންޑިއާގެ އެޓޭކަށް ބަދަލު އަންނާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އިންޑިއާގެ ޗަންޓޭ ލަލިއަންޒޯލާއަކީވެސް ތަފާތު ކުޅުންތެރިޔެއް ކަމަށެވެ.
ކޯޗް ބުނީ، ރާއްޖެއާ އިންޑިއާގެ ކުރިމަތިލުންތައް އިންޑިއާ ކޮޅަށް ނިމިފައިވީނަމަވެސް މާދަމާގެ މެޗުގައި ތަފާތެއް ގެނެވިދާނެ ކަމަށާއި ނަމަވެސް އިންޑިއާއަކީ ވަރުގަދަ ޓީމެއް ކަމަށެވެ.
ކޯޗް ބުނީ އިންޑިއާގައި އެޓީމާ ދެކޮޅަށް ކުޅުނު ކަމުގައިވީނަަމަވެސް ރާއްޖޭގެ ސަޕޯޓަރުންގެ ސަޕޯޓަކީ ދިވެހި ޓީމަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށެވެ.
އަފުޣާން މެޗުގައި ބައެއް ކުޅުންތެރިންނަށް ހެދުނު މިސްޓޭކުތަކާ ބެހޭގޮތުން ކޯޗް ބުނީ މިސްޓޭކު ނެހެދޭ އެއްވެސް ކުޅުންތެރިޔެއް ނުހުންނާނެ ކަމަށާއި ނަމަވެސް އޮތްގޮތަކީ އެ މިސްޓޭކްތައް ރަނގަޅުކޮށްގެން ކުރިއަށް އޮތް މެޗަށް ނިކުތުން ކަމަށެވެ.
މާދާމާގެ މެޗަށް ނިކުންނައިރު ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ހާބަޓް ބުންޏެވެ.
ރާއްޖެއާ އިންޑިއާ ކުޅޭ ސެމީފައިނަލަށް މެޗް ފެށޭނީ ރާއްޖޭ ގަޑިން މާދަމާ 3:00 ގައެވެ.