30 Dec 2015, 19:21
ކޮކާކޯލާ ގެ މީރު ބުއިން ރާއްޖެއަށް ތައާރަފްކުރިތާ 25 އަހަރު ފުރުމުގެ މުނާސަބާ މިއަހަރު އެ ކުންފުނިން ފާހަގަކުރަމުން އަންނަ އިރު، އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.
ކޮކާކޯލާ އިން އެ ޕްރޮމޯޝަން ފަށާފައި ވަނީ ސެމްސަންގް ފޯނުގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ހައިކް ކުންފުންޏާ އެކީގަ އެވެ.
މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 45 މީހަކަށް ސެމްސަންގް ބްރޭންޑުގެ އެންމެ ފަހުގެ ތަފާތު ފޯނުތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ސެމްސަންގް ގެލެކްސީ ނޯޓް5 އާއި ގެލެކްސީ އޭ8 އާއި އެސް6 އެޖް އަދި އެޖް ޕްލަސް ފަދަ އަގުހުރި ފޯނުތައް ހިމެނެ އެވެ.
ޕްރޮމޯޝަންގައި ބައިވެރިވުމަށް ކުރަންޖެހޭ ކަމަކީ ކޯކް ފުޅިއެއް ގަތުމަށްފަހު، އޭގެ މަތިގަނޑުގައި އިންނަ އަދަދު އެސްއެމްއެސް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް މިއަދު ކޮކާކޯލާ އިން ފެށި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވަނީ ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެސްއެމްއެސް ކުރާނެ ގޮތަކީ މެސެޖެއްގައި ކޯކް (COKE) ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި މަތިގަނޑުގައި އިންނަ ނަންބަރު އެއްވެސް ބަދަލެއް ނުގެނެސް މެސެޖްގައި ލިޔާނީ އެވެ. އެއަށްފަހު 2626 އަށް މެސެޖް ފޮނުވާލާނީ އެވެ. މެސެޖް ފޮނުވާލުމުން ކޮންފަމޭޝަން މެސެޖެއް ލިބޭނެ އެވެ. އަދި ނުބައިކޮށް އަދަދު ޖެހިއްޖެ ނަމަ އަލުން މަސައްކަތް ކޮށްލުމަށް އެދި މެސެޖެއް އަންނާނެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކު ފޯނެއް ލިބޭ ނަސީބުވެރިޔާ ހޮވާނީ ޕީއެސްއެމް އިން ގެނެސްދޭ ލައިވް ޕްރޮގްރާމަކުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ކޮކާކޯލާގެ އާފުޅި އިފްތިތާހުކޮށްދެއްވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ކޮކާކޯލާ ރާއްޖެއަށް ތައާރަފްކުރިތާ 25 އަހަރު ފާހަގަކުރުމަށް އެ ކުންފުނިން ވަނީ މިއަހަރު އިތުރު ޕްރޮމޯޝަންތަކެއް ވެސް ހިންގާފަ އެވެ. އޭގެ ތެރޭގައި 12 ފަރާތަކަށް ޔަމަހާ ސައިކަލާއި ދެމީހަކަށް ސިންގަޕޫރަށް ދަތުރެއް ވަނީ ދީފަ އެވެ. އޭގެ އިތުރުން "ކޯކް ޒީރޯ" ބުއިން ވަނީ ތައާރަފްކޮށްފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކޮކާކޯލާ ފުޅީގެ އާ ސައިޒެއް ވެސް ބާޒާރަށް ނެރެފަ އެވެ. އެއީ 1.25 ލީޓަރުގެ ފުޅިއެކެވެ. އެ ފުޅި އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގެވެ.