30 Dec 2015, 18:29
ދިވެހި ފިލްމު "ޔޫސުފު"ގެ ވަގު ކޮޕީ ހަދައި ލީކުކޮށްލުމުގެ ކުށް ސާބިތުވެފައިވާ ޅ. ނައިފަރު، ހަވީރީހިޔާ، ހައްސާން އަލިފުޅު އެ ފިލްމުގެ ޕްރޮޑިއުސާ އަދި ރާއްޖޭގެ މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާގެ މައްޗަށް ކުރި އަބުރުގެ ދައުވާގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނައިފަރު ކޯޓުން ނިންމައިފިއެވެ.
"ޔޫސުފު"ގެ ވަގު ކޮޕީ ހަދައި ލީކުކޮށްލި މައްސަލައާ ގުޅޭގޮތުން ނަހުލާ ޓީވީތަކުގައި ދެއްކި ވާހަކަތަކުގެ ސަބަބުން ހައްސާނުގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ އެކަމުގެ ބަދަލެއްގެ ގޮތުން އެއް މިލިއަން ރުފިޔާ ނަގައިދިނުމަށް އޭނާ ކުރި ދައުވާގައި އެދިފައިވެއެވެ.
އެ މައްސަލާގައި ނައިފަރު ކޯޓުން ކުރި ހުކުމްގައި ވަނީ ދައުވާގައި ބަޔާންކޮށްފައިވާ ހާދިސާ ހިނގާފައި ވަނީ 2008 ވަނަ އަހަރުކަމުގައިވާއިރު، އެ ދައުވާކޮށްފައި ވަނީ 2013 ވަނަ އަހަރު ކަމަށެވެ.
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) ގައި ވަނީ އެ ގަވާއިދުގެ ދަށުން ދައުވާއެއް ކުރެވޭނީ އަބުރާ ބެހުމުގެ ހާދިސާ ހިނގިތާ ހަތަރު މަސް ވުމުގެ ކުރިން ކަމަށެވެ.
ނައިފަރު ކޯޓުގެ ހުކުމްގައި ވަނީ އެހެންކަމުން އެއީ ގާނޫނީގޮތުން ދައުވާކުރުމުގެ ވަގުތު ނިމި އެ ދައުވާކުރުން މަނާކުރެވިފައިވާ ދައުވާއެއްކަން އެނގޭތީ، އެ ދައުވާ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން ނަހުލާ މިއަދު ބުނީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގައި ހައްސާނު އޭނައާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވެއްދުމުން އޭނާގެ އަބުރަށް ލިބުނު ގެއްލުން މާ ބޮޑު ކަމަށެވެ.
އެހެންކަމުން ހައްސާނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ވިސްނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.