31 Dec 2015, 00:15
ޒަމާނުއްސުރެ އަށަގަނެފައިވާ ގޯސް އާދަތަކާއި އަސްލެއް ނެތް ބޯދާ ގަބޫލުކުރުންތައް ދޫކޮށްލުމަށްފަހު ގެވެށި އަނިޔާ ފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެނުންނާއި ކުޑަކުދިންނަށް އެކި ގޮތް ގޮތުން ކުރާ އަނިޔާތަކަކީ ޒަމާނުއްސުރެ ސިއްރު ކުރަމުން އަންނަ ކަންތައް ކަމަށާއި އެކަމުގެ ސަބަބުން އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.
އެޕާޓީއިން ބުނީ އެފަދަ އަނިޔާތަައް ކުޑަ ކުރުމުގެ ގޮތުން ގާނޫނުތައް ތައާރަފު ކުރިނަމަވެސް ގާނޫނާއި ސަރުކާރުން އެދެވިގެންވާ މަސައްކަތްތަކެއް ނުކުރެވުމުން އެފަރާތްތަކަށް ލިބެން ޖެހޭ އިންސާފު ނުލިބޭ ކަަމަށެވެ.
ޒަމާނުއްސުރެ ރާއްޖޭގައި އެފަދަ ގެވެށި އަނިޔާތައް ސިއްރު ކުރުމަކީ އާއްމު ކަމެއް ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.
ގެވެށި އަނިޔާތަކުގެ އަމަލުތައް ހިންގާ މިންވަރަށް ބަލާއިރު އެފަދަ މައްސަލަތައް ރިޕޯޓު ކުރެވެނީ ވަރަށް މަދުން ކަމަށް އެޕާޓީއިން ބުންޏެވެ. އެޕާޓީ އިން ބުނީ އެފަދަ ކަންތައްތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ.