01 Jan 2016, 14:25
ޓްރިވެންޑްރަމް، އިންޑިއާ (31 ޑިސެމްބަރު) -އިންޑިއާގެ ޓީމަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނު ނަމަ ރާއްޖެއިން އިންޑިއާ ޓީމަށް ލަނޑު ދިނީސް ކަމަށާއި އެ މެޗުން މޮޅުވީ ލިބުނު ފުރުސަތުތައް ބޭނުން ކުރެވުމުން ކަމަށް އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެޓެއިން ބުނެފިއެވެ.
ސާފް ސުޒުކީ ކަޕްގައި ރާއްޖެއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލު މެޗަށް ފަހު ވާހަކަ ދައްކަމުން ކޮންސްޓެޓެއިން ބުނީ ރާއްޖެއިން ދެ ލަނޑުވެސް ޖެހީ އިންޑިއާއަށް ލިބުނު ފުރުސަތުތައްވެސް ބޭނުން ނުކުރެވި ދިޔަ ދަނޑިވަޅެއްގައި ކަމަށެވެ.
އޭނާ ބުނީ ކޮންމެ ޓީމެއް ފައިނަލުގައި ޖެހުނަސް އުނދަގޫ ވާނެ ކަމަށާއި އެހެންވެ ތިބެންޖެހެނީ އެކަމާ ވިސްނައިގެން ކަމަށެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ސަޕޯޓަރުންނާ މެދު ހިތް ހަމަޖެހޭ ކަމަށާއި އަދި އިތުރަށްވެސް ދަނޑަށް ސަޕޯޓަރުން ވަންނަން ޖެހޭ ކަމަށް ކޯޗު ބުންޏެވެ.
އެ މެޗުގައި ރާއްޖެއިން ޖެހި ދެ ލަނޑު ވަނުމުގައިވެސް ޑިފެންސުގެ މައްސަލައިގައި ސުވާލު ކުރުމުން އޭނާ ބުނީ ޑިފެންސުގައި ތިބީ ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި މީގެ ކުރިން ސެމީއާ ހަމައަށްވެސް އައީ ގިނަ މިސްޓޭކުތަކެއް ހަދައިގެން އެކަންކަން ރަނގަޅު ކުަރަމުން ކަމަށެވެ.