ޓްރިވެންޑްރަމް، އިންޑިއާ (2 ޖެނުއަރީ) - ސާފް ސުޒުކީ ކަޕްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަކޮށް ފެންނަނީ އަފުޣާނިސްތާނެވެ. އެ ޓީމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމެވެ. އަފުންނިސްތާން ފުރަތަމަ ވާދަ ކުރި ސާފް ޗެމްޕިއަންޝިޕްގެ މުބާރާތަކީ 2003 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވި މުބާރާތެވެ.

އެޓީމު މި މުބާރާތުގައި ބައިވެރިވާން ފެށިފަހުން އެންމެ ފުރަތަމަ ބޭއްވި ތިން އެޑިޝަންގައިވެސް އެޓީމަށް ޖެހުނީ ގްރޫޕް ސްޓޭޖުން ކަޓައި މުބާރާތުން ވަކިވާށެވެ. ނަމަވެސް 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އެޓީމު ދަތުރު ކުރިއެވެ. އަދި އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އެޓީމުން ހޯދިއެވެ.

އެއަށްފަހު މިއަހަރުގެ މުބާރާތަށް އައި އެންމެ ވަރުގަދަ ޓީމަކީ އަފުޣާނިސްތާން ކަމަށް މުބާރާތް ކަވަރުކުރާ ނޫސްވެރިންނާއި އެނަލިސްޓުން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ.

މުބާރާތުގެ ފައިނަލުގައި މާދަމާ އިންޑިއާއާ ދެކޮޅަށް ނިކުންނައިރު އެޓީމު އަތުގައި ރެކޯޑެއް އެބައޮތެވެ. އެއީ އެޓީމުން މިހާތަނަށް 15 ލަނޑު ޖަހާފައިވާއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.

ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި އަފްގާނިސްތާން ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސްއެމްވީ

ކުރިން އަފުޣާނިސްތާން އަތުން ފަރަގު ބޮޑު ނަތީޖާތަކުން ބަލިވި ޓީމުތައް ވަނީ މިމުބާރާތުގައި އެޓީމު އަތުން ބަލިވެފައެވެ. އަދި މުބާރާތުގައި އެޓީމުން ދައްކާ ރީތި ކުޅުމާއި ޕާސިން ގޭމުގެ ސަބަބުން އިދިކޮޅު ޓީމުގެ ޑިފެންސިވް ހާވިޔާވެ އެޓީމުގެ ޖާދޫގައި ގިނަ ބަޔަކު ވަނީ ޖެހިފައެވެ.

އެހެންވެ މިމުބާރާތުގައި އަހަރުތަކެއް ކުރިން ފަނޑުކޮށް ފެނުނު ޓީމެއް މިހާރު ސަރަހައްދުގެ އެހެން ޤައުމުތަކަށްވުރެ ވަރުގަދަ ވުމުގެ "ޖާދޫ'ގެ އަސްލަކީ ކޮބައިތޯ ބަލައިލާންޖެހެއެވެ.

ދާޚިލީ ހަމަނުޖެހުންތަކާއި ހަނގުރާމަ،

ވިހި ވަނަ ގަރުނުގެ މެދެއްހާ ހިސާބުން ފެށިގެން އަފުޣާނިސްތާނަކީ ހަނގުރާމައާއި ސިޔާސީ ކަންްތައް ބޮޑު ގައުމެކެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި ރޫސީންގެ އިންސްތިއުމާރުގެ ދަށަށް އެގައުމު ހިނަގައްޖެއެވެ. ދެން ފެށިގެން ދިޔައީ އަފުޣާނިސްތާންގެ އެތޭރޭގައި ރޫސިންނާ ދެކޮޅަށް ފެށިގެން ދިޔަ ވަރުގަދަ ހަނގުރާމައެކެވެ. އެހެންވެ އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު އުފަން ބިން ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރިއެވެ.

ރޫސީންގެ އަސްކަރިއްޔާ އަފުޣާނިސްތާންގެ މުޖާހިދުން އަތުން ބަލިވެ، އެގައުމުން ފައިބައިގެން ދިޔަ ނަމަވެސް އެތެރޭގެ ދާޚިލީ ކަންކަން ފިންޏެއް ނުވިއެވެ. އެނބުރި ގައުމު ދޫކޮށް ދިޔަ މީހުންނަށް އާދެވޭނެ ފަދަ މާހައުލެއް އުފެދިގެނެއް ނުދިޔައެވެ. އަފުޣާނިސްތާންގެ ވެރިކަމާ ޠާލިބާނުން ހަވާލުވި ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެއާ އެގައުމު އެކަހެރިވިއެވެ. ދެހާސް އެއް ވަނަ އަހަރު މަޝްހޫރު ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި މީހުން ފިލައިގެން އުޅޭ މަރުކަޒަކީ އަފުޣާނިސްތާން ކަމަށް ތުހުމަތުކޮށް އެމެރިކާއިން އަފުގާނިސްތާންގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ފެށިއެވެ. އެހަނގުރާމައިގައިވެސް އަފުޣާނިސްތާން ދޫކޮށް އެތައް ބަޔަކު އެހެން ބައްރުތަކަށް ހިޖުރަ ކުރިއެވެ. މިފަހަރު ގިނަ ހާންދާންތަކާއި ޝިއުބުތައް ހިޖުރަ ކުރީ ޔޫރަޕަށެވެ. ރެފިއުޖީންގެ ގޮތުގައެވެ. ބައެއް މީހުން އެހެން ގައުމުތަކަށް ހިޖުރަކޮށް އެގައުމުގެ ރަށްވެހިކަންވެސް ހޯދިއެވެ.

ސާފް ސުޒުކީ ކަޕްގެ ދެވަނަ ސެމީގައި އަފްޣާނިސްތާނާ ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: އިމޭޖަސް.އެމްވީ

ޔޫރަޕްގެ ބޮޑެތި ގައުމުތަކަށް ހިޖުރަކޮށް ވަޒަންވެރިވުމުން ފުޓްބޯޅައިގެ ފޯރި އޮތް އަފުޣާންގެ ޒުވާނުންނަށް ވީ ފަހި ފުރުސަތަކަށެވެ. އެހެންވެ ގިނަ ޢަދަދެއްގެ ޒުވާނުން އެގައުމުތަކުގެ މެދުފަންތީގެ ޑިވިޝަންތަކުގެ ކުލަބުތަކާ ގުޅި ފުޓްބޯޅަ ކުޅެން ފެށިއެވެ. އެގައުމުތަކުގެ ދެ ވަނަ ޑިވިޝަން ކުލަބުތަކަކީ މެދުފަންތި ނަމަވެސް ޕްރޮފެޝަނަލް ގިންތީގައި ކުޅޭ ކުލަބުތައްކަމަށްވުމުން ގިނަ ފުރުސަތުތަކެއް ކުޅުންތެރިންނަށް ލިބިއެވެ.

އެހެންވެ އެ ކުލަބުތަކުން ލިބުނު ފުރުސަތުތަކުގެ ތެރެއިން އަފުޣާނަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުން ފުޓްބޯޅައިގެ ތަމްރީންތައް ހޯދަން ފެށިއެވެ. މިއަދުވެސް ޔޫރަޕްގެ ލީގްތަކުގައި ކުޅެމުންދާ އަފުޣާނިސްތާންގެ ގިނަ ކުޅުންތެރިންގެ އާއިލާތައް ވަޒަންވެރިވެގެން ތިބީ ޖަރުމަނާއި ނޯވޭ އަދި ޑެންމާކު ފަދަ ގައުމު ތަކުގައެވެ.

ނަވާރަ އަހަރުގެ މެދު ކެނޑުމަކަށްފަހު ވާދަވެރި މުބާރާތެއްގައި އަފުޣާނިސްތާން ވާދަ ކުރަން ޖެހުނު ހިނދު އެގައުމުގެ ގައުމީ ޓީމު އެކުލަވާލުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ހަނގުރާމަ ފިނިވެ ސިޔާސީ ކަންތައް ހަމަޔަކަށް އެޅުނު ހިނދު އަފުޣާނިސްތާން ޓީމާ ގިނަ އަދަދެއްގެ ކުޅުންތެރިން ގުޅުނީ ކުރިން ރެފިއުޖީންގެ ގޮތުގައި އެހެން ޤައުމުތަކަށް ހިޖުރަ ކުރި ގައުމުތަކުގެ ކުލަބުތަކަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިންނެވެ.

ފުޓްބޯޅަ ލީގެއް ތައާރަފުވިތާ ހަތަރު އަހަރު.

ކުރިން ދެންނެވި ހަނގުރާމައާއި ސިޔާސި ހަމަނުޖެހުންތަކާ ހެދި އެތެރޭގައި އުފެދުނު ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން އަފުޣާނިސްތާންގެ ފުޓްބޯޅަ އޮތީ ވަޅުޖެހިފައެވެ. އަށާރަ އަހަރުގެ މެދު ކެނޑުމަކަށްފަހު ގައުމީ ފުޓްބޯޅަ ޓީމު މުބާރާތްތަކުގައި ތަމްސީލު ކުރި ނަމަވެސް އެގައުމުގައި ފުޓްބޯޅަ ލީގެއް ނެތެވެ.

ހަނގުރާމަ ފިނިވެ، ސިޔާސީ ކަންތައް ހަމަޔަކަށް އެޅުނު ނަމަވެސް ގިނަ ޢަދަދެއްގެ ޒުވާނުން އަފުޣާނިސްތާން ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރިއެވެ. ނަމަވެސް މިފަހަރު ރެފިއުޖީންގެ ގޮތުގައެއް ނޫނެނެވެ.

އަށާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ޓީމް ތަމްސީލު ކުރަން 2002 ވަނަ އަހަރު ފެށިނަމަވެސް އެގައުމުގައި ފުޓްބޯޅަ ލީގެއް ނެތެވެ. އެހެންވެ ފުޓްބޯޅަ ކުޅެން ބޭނުންވާ ހުރިހާ ޒުވާނުންނަށް މަޖުބޫރުވީ އެހެން ގައުމުތަކުގެ މެދު ފަންތީގެ ޑިވިޝަންތަކުން ޖާގަ ހޯދުމަށެވެ. އެހެންވެ އަމިއްލަ މަސައްކަތުން އެޖެންޓުން މެދުވެރިކޮށް ދާނެ ކުލަބެއް ބައެއް ކުޅުންތެރިން ހޯދިއެވެ.

ޑިސެމްބަރު 24، 2015؛ އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފު ސުޒުކީ ކަޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް އަފްޣާނިސްތާނުން ނުކުތް ފުރަތަމަ 11-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ

އެ ގައުމުގައި ފުޓްބޯޅަ ލީގެއް ތައާރަފުވީ 2012 ވަނަ އަހަރުއެވެ. އަފުޣާނިސްތާންގެ ޕްރިމިއާ ލީގްގެ މުއްދަތަކީ ދެ މަސް ދުވަހެވެ. އެހެންވެ ގައުމީ ޓީމްގައި ހުނަރުވެރި މޮޅެތި ކުޅުންތެރިން ހިމެނިނަމަވެސް އެގައުމުގެ އެތޭރޭގެ ފުޓްބޯޅައިގައި ބާރެއް ނެތެވެ.

އަހަރުގެ ދެމަސް ދުވަހު ފުޓްބޯޅަ ކުޅެލާކަށް އެއްވެސް ކުޅުންތެރިޔަކު ބޭނުމެއް ނުވެއެވެ. އަދި އަފުޣާނިސްތާންގެ ޕްރިމިއާ ލީގްގައި ވާދަކުރާ އަށް ކުލަބުން ލިބޭ މުސާރައަށްވުރެ ރަނގަޅު މުސާރައެއް ބޭރު ކުަލަބުތަކުން ލިބެއެވެ. އަދި ބޭރު ކުލަބުތަކުގެ ޓްރޭނިން ޕްރޮގްރާމްތަކާއި ފެސިލިޓީތައް ސަރަހައްދުގެ އެހެން ފުޓްބޯޅަ ލީގްތަކަށްވުރެ ދެ ގުނަ ވަރުގަދަ އެވެ.

އެހެންވެ އަފުޣާނިސްތާންގެ ގައުމީ ޓީމު ސަރަހައްދުގެ އެހެން ޓީމުތަކަށްވުރެ ވަރުގަދަ ވުމުގެ އަސްލަކީ އެގައުމަށް ކުރިމަތިވި ހަނގުރާމައާއި ސިޔާސީ އަދި ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމު ދޫކޮށް އެހެން ގައުމުތަކަށް ބަދަލުވި ޒުވާނުންނަށް އެގައުމުތަކުގެ މެދުފަންތީގެ ޑިވިޝަންތަކުގައި ކުޅޭން ފުރުސަތު ލިބުމެވެ. މީގެ އިތުރުން އެގައުމުގައި ފުޓްބޯޅަ ލީގެއް ނެތުމަކީވެސް އެގައުމުގެ ޒުވާނުން އެހެން ގައުމުތަކުން ޖާގަ ހޯދަން މަޖުބޫރިވި ކަމެކެވެ. ނަތީޖާއަކީ ގައުމުގެ އެތެރޭގެ ފުޓްބޯޅަ ވަރުގަދަ ނުވިނަމަވެސް ގައުމީ ޓީމު ވަރުގަދަވެ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ނަތީޖާ ރަނގަޅުވުމެވެ.

ސާފް ސަރަހައްދުގައި ވާދަ ކުރުމުގެ ފެންވަރަށްވުރެ އެގައުމުގެ ފެންވަރު މަތިވުމުން އެގައުމަށް މަޖުބޫރުވީ އެހެން ފެޑެރޭޝަނަކާ ގުޅިގެން ކުރިއަށް ދިއުމެވެ. މިހާރު އަފުޣާނިސްތާންގެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ.