"އާޝިގީ 2" ގެ ކާމިޔާބީ އަށްފަހު، އެ ފިލްމުން އެކުގައި ފެނިގެން ދިޔަ ޝްރައްދާ ކަޕޫރާ ްއާއި އަދިތުޔާ ރޯއި ކަޕޫރު އަނެއްކާވެސް އެކުގައި ފިލްމެއް ކުޅެން ނިންމައިފިއެވެ.

މި ފަހަރު އެ ދެތަރިން އެކުގައި ފެނިގެންދާނީ ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފިލްމު "އޯ ކާދަލް ކަންމާނީ" ނުވަތަ އާއްމު ނަމުން ނަމަ "އޯކޭ ކަންމާނީ" ގެ ހިންދީ ރީމޭކު އިންނެވެ.

އެދެތަރިން "އޯކޭ ކަންމާނީ" ގެ ހިންދީ ރީމޭކު އިން ފެނިގެންދާނެކަން ކަރަން ވަނީ ނިމިގެން ދިޔަ ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޓުވިޓާ މެދުވެރިކޮށް އިއުލާނު ކޮށްފައެވެ.

"އޯކޭ ކަންމާނީ" އަކީ މިދިޔަ އަހަރު އޭޕްރިލް މަހު ތަމިލް ބަހުން ރިލީޒް ކުރި ލޯބީގެ ރޮމޭންޓިކު ފިލްމެކެވެ. އެފަހަރުގެ ފިލްމު ޑައިރެކްޓު ކުރީ މާނީ ރަތުނަމް އެވެ.

ޝްރައްދާ އާއި އަދިތުޔާ ފެނިގެންދިޔަ "އާޝިގީ 2" ރިލީޒުކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. އެއަށްފަހު އެދެ ތަރިން ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ.

ދެހާސް ދިހަ ވަނަ އަހަރު ފިލްމީ ދާއިރާ އަށް ތައާރަފުވި ޝްރައްދާގެ ފިލްމުތަކުގެ ތެރޭގައި ހައިދަރު، އެކް ވިލަން، އޭބީސީޑީ2 ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

އަދިތުޔާ ރޯއި ކަޕޫރު ފިލްމީ ދާއިރާ އަށް ތައާރަފުވީ 2009 ވަނަ އަހަރު ރިލީޒު ކުރި ލަންޑަން ޑްރީމްސް އިންނެވެ.

އަދިތުޔާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި އެކްޝަން ރިޕްލޭ، ގުޒާރިޝް، ފިތޫރު ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.