ލިބިފައިވާ ޖިންސީ އަނިޔާތަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒް ވިދާޅުވީ ޕޯސްޓް މޯޓަމް ހެދުމަށް ޒިޔާދާގެ ހަށިގަނޑު މިރޭ 22:15 ގައި މޯލްޑިވިއަންގެ ފްލައިޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލާފައިވާކަމަށެވެ.

ޒިޔާދާގެ ޕޯސްޓްމޯޓަމް ހެދުމަަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޒިޔާދާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވަނީ ފުލުހުންގެ ތަހުގީގު ޓީމަކާއެކުގަ އެވެ.

އޮޓޯޕްސީ ނުވަތަ ޕޯސްޓް މޯޓަމް ހަދަނީ މަރުވިއިރު މީހާއަށް ލިބިފައި ހުރި އަނިޔާ ދެނެގަތުމަށެވެ.

ރިޔާޒު ވިދާޅުވީ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ޒިޔާދާގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލުމަށް އާއިލާއާ ހަވާލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ޒިޔާދާ ނިޔާވި މައްސަލަ ފުލުހުން ކުރިން ބަލަމުން އައީ ޖިންސީ އަނިޔާކުރި މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް އެމައްސަލަ މިހާރު ބަލަމުން ދަނީ މަރުގެ މައްސަލައެއްގެ ގޮތުގައެވެ.

އެ މައްސަލާގައި ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު 40 ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.