ތެެެހެރާން (ޑިސެމްބަރ 3): މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް ސައުދީ އަރަބިއާ އިން އިއްޔެ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުން އީރާންގައި ހުންނަ ސައުދީ އަރަބިއާގެ އެމްބެސީއަށް މިއަދު ބަޔަކު ވަދެ އަލިފާން ރޯކޮށްލައިފި އެވެ.

ސައުދި އަރަބިއާ އިން ޝީއީ ޝައިޚް ނިމްރު އަލް ނިމްރު މަރާލުމާ ގުޅިގެން އީރާންގެ ވެރިރަށް ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީގެ ގޭޓު ކައިރިއަށް އެއްވި މީހުން ވަނީ އެމްބަސީ ތެރެއަށް ވަދެ އެމްބެސީގެ އެތެރޭގައި އަލިފާންރޯކޮށްފަ އެވެ.

ޓުވިޓާ މެދުވެރިކޮށް އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން އެމްބަސީގައި ރޯކޮށްފައިވާ މަންޒަރާއި އެއްވުމުގައި ބައިވެރިވި މީހުން އެމްބަސީއަށް ވަދެ ފަރުނީޗަރު ހަލާކުރާ މަންޒަރާއި އެމްބަސީގައި ހުރި ކަރުދާހާއި ދިދަ ވީދާތަން ފެނެ އެވެ. އީރާންގެ ހަބަރުތަކުން ރިޕޯޓު ކުރާ ގޮތުގައި ފުލުހުން މިހާރު ވަނީ ކަރުނަ ގޭސް ބޭނުން ކޮށްގެން އެމްބަސީ ކައިރީގައި އޮތް އެއްވުން ރޫޅާލާފަ އެވެ.

އެހަމަލާގައި ސައުދީ އެމްބަސީގައި މަސައްކަތް ކުރާ އެއްވެސް ފަރާތަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވެ އެވެ.

އީރާންގެ ފޮރިން މިނިސްޓްރީ އިން ވަނީ ހަމަނުޖެހުންތައް ނުހިންގުމަށާއި އެމްބަސީތަކަށް ހަމަލާނުދިނުމަށް އެދި ބަޔާނެއް ނެރެފަ އެވެ.

ޝެއިހް ނިމްރު މަރާލުމާ ގުޅިގެން އީރާނުން ވަނީ އެއީ ސައުދި އަރަބިއާއަށް ހެނދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެފަ އެވެ. އިރާންގައި ނިމްރު ފާހަގަ ކުރަނީ ސައުދި އަރަބިއާގައި ދިރިއުޅޭ ޝީއީންގެ ހައްގުތަކަށް މަސައްކަތްކުރާ "ޗެމްޕިއަން" އެއްގެ ގޮތުގަ އެވެ.

ސައުދީ އަރަބިއާ އިން ނިމްރުގެ މައްޗަށް މަރުގެ ހުކުމް ކޮށްފައި ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވުމުގެ ސަބަބުންނެވެ. (ނޫސްއޭޖެންސީތައް)