ޓްރިވެންޑްރަމް، އިންޑިއާ (3 ޖެނުއަރީ) -މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު އަފުޣާނިސްތާން 'ސާފް' ސަރަހައްދު ދޫކޮށްލާއިރު، އެޓީމުން މިފަހަރުގެ ސާފް ޗެމްޕިއަންކަން ހޯދި ނަމަ އެއީ ސަރަހައްދުގެ ފުޓްބޯޅައަށް ލިބޭނެ ބޮޑު ގެއްލުމަކަށްވާނެ ކަމަށް މިފަހަރުގެގެ ޗެމްޕިއަން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.

ފައިނަލު މެޗަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ޗެތުރީ ބުނީ، މިއަދުގެ މެޗުގައި އިންޑީއާގެ ފަރާތުން ފެނުނު މަސައްކަތުގެ އަސްލަކީ އަފުޣާން ސާފުން ވަކިވާއިރު އެޓީމަށް ޗެމްޕިއަންކަން ލިބެން ބޭނުން ނުވާތީ ކުޅުންތެރި ކުރި ހިތްވަރު ކަމަށެވެ.

"މިއަދުގެ ފައިނަލު އަފުޣާނިސްތާން ކާމިޔާބު ކުރިނަމަ، ސާފް ޗެމްޕިއަންޝިޕް އެޓީމު އަތުން ހޯދުމަކީ ނުވާނެ ކަމެއް. އަދި އާ ޒޯނަކަށް އެޓީމުން ދާއިރު މިޒޯންގެ ތަށި ހިފައިގެންދާން ފުރުސަތު ދޭން ބޭނުން ނުވީ،" ޗެތުރީ ބުންޏެވެ.

އެހެންވެ ފައިނަލް މެޗަށް ނިކުތުމުގެ ކުރިން ކުޅުންތެރިންނަށް އެކަން ވިސްނައިދީ، މެޗުގައި އެއްވެސް ވަރަކަށް ފަހަތަށް ނުޖެހި ޓީމެއްގެ ގޮތަށް މަސައްކަތް ކުރުމަށް އެދުނު ކަމަށް ޗެތުރީ ބުންޏެވެ.

"މިއަދުގެ ފައިނަލުގައި އަފުޣާނިސްތާންގެ މައްޗަށް ކާމިޔާބު ނުހޯދުނު ނަމަ، ދެން އެ ތަށި ހޯދަން އެޓީމު ބަލިކުރުމުގެ ފުރުސަތު ސާފްގެ އެއްވެސް ގައުމަކަށް ނުލިބޭނެ. އަދި އެޓީމުން އާ ޒޯނަށް ބަދަލުވާއިރު ބުނާނެ. ތިމަންނަމެން މިޒޯނަށް އައީ އަނެއް ޒޯންގެ ތަށި ހިފައިގެންނޭ. އެހެންވެ އާ ޒޯނަށް ދާއިރު މިޒޯންގެ ތަށި ހިފައިގެން އެމީހުން ދިޔަދޭން ބޭނުން ނުވީ،" ސާފް ސުޒުކީ ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދި ޗެތުރީ ބުންޏެވެ.

އަފުޣާނިސްތާން މިހާރު ހިމެނެނީ ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން (ކަފާ) ގެ މެންބަރު އެސޯސިއޭޝަނެއްގެ ގޮތުގައެވެ.

ކަފާ އުފެއްދުމަށް އޭއެފްސީއަށް ހުށަހެޅީ އީރާންއާއި އަފުޣާނިސްތާން ގުޅިގެންނެވެ.

އީރާނާ އަފުޣާނިސްތާންގެ އިތުރުން ކަފާގައި ދެން ހިމެނޭ އަނެއް ހަތަރު ޤައުމަކީ ކިރިގިސްތާނާއި، ތަޖަކިސްތާނާއި، އުޒުބްކިސްތާން އަދި ތުރުކުމުނިސްތާންއެވެ.

މިއެސޯސިއޭޝަންގެ ދަށުން އުމުރު ފުރާތަކުގެ 'ކަފާ ޗެމްޕިއަންޝިޕް' މިއަހަރުވަނީ ބާއްވަން ފަށާފައެވެ.