މަނީ ލޯންޑްރިންގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މ. ޝުރާމަންޒިލް ހާމިދު އިސްމާއިލްގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ހާމިދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފަވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން ހާމިދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު އޭން ކޮންމެ ފަހަރަކުވެސް ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

ހާމިދުގެ މައްޗަށް މަނީލޯންޑްރިންގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މިއަދު އެވެ. ހާމިދުގެ މައްޗަށް އެ ދައުވާ އުފުލީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. އެއީ އެ ގާނޫނުގެ ދަށުން އުފުލި ފުރަތަމަ ދައުވާ އެވެ.

ފުލުހުން ބުނީ ހާމިދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅުން ހުރި މަނީލޯންޑަރިންގެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބުނާގޮތުން މަނީލޯންޑަރިންގެ ކުށެއްކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ނުވަތަ ކުށުގެ އަމަލުހިންގުމަށް ބޭނުންކުރި ފައިސާގެ އަދަދުގެ ފަސްގުނައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ މަނީލޯންޑަރިންގެ ކުށެއް ކުރުމަށް އުޅުމާއި ނުވަތަ އެކުށް ކުރުމަށް އެހީތެރިވެދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމާއި ނުވަތަ މަގުފަހިކޮށްދިނުމަށް ހިތްވަރުދިން މީހެއްގެ އަދަބަކީ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

އެ އަދަބު ނޫން ނަމަ ކުށުގެ އަމަލުހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނައަށް ވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ދެ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.