04 Jan 2016, 19:25
އަދަން (ޖެނުއަރީ 4): ހަތިޔާރު އެޅި ބަޔަކު އިއްޔެ ޔަމަނުގެ އަދަނަށް ދިން ހަމަލާތަކެއްގައި 17 މީހަކު މަރުވުމުގެ ސަބަބުން އެ ސިޓީގައި ކާފިއު އިއުލާންކޮށްފި އެވެ.
ޔަމަނުގެ ކަމާބެހޭފަރާތްތަކުން ބުނީ އަދަނުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެސިޓީގެ ސަލާމަތާ ބެހޭ ކޮމިޓީން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ނިންމީ މިރޭ 8:00 އިން ފެށިގެން މާދަމާ ފަތިހު 5:00އާ ހަމައަށް އަދަނުގައި ކާފިއު އިއުލާން ކުރުމަށް ކަމަށެވެ.
އާދިއްތަ ދުވަހު އައިއެސްއަށް ނިސަބަތްވާ ބަޔަކު ކަމަށް ލަފާކުރެވޭ ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ފައުޖަށް ނިސްބަތްވާ ނުވަ މީހަކު ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ބެލެވޭ ހަތިޔާރު އެޅިމީހުންނާއި އަދަނުގެ ސަލާމަތީ ފަރާތްތަކާ ދެމެދު ހަމަލާ ބަދަލު ކުރަން ޖެހުނީ ހަތިޔާރު އެޅި މީހުން އަދަނުގެ ބަނދަރު ހިފުމުންނެވެ. (ނޫސްއޭޖެންސީތައް)