ދިރިއުޅުމަށް ޓަކައި ކޮންމެވެސް މޭރުމަކުން ވިޔަފާރި ކުރަން ޖެހެ އެވެ. ކާބޯތަކެއްޗާއި އަންނައުނާއި، ގޭގައި ހިފައި ގެންގުޅޭ ސާމާނު ވެސް ގަންނަން ޖެހެ އެވެ. ނަމަވެސް މިތަކެތި ގަތުމަށް ބާޒާރު ކުރެވޭނީ ތިމާގެ އަތުގައި ހުރި ފައިސާއެއް އިގްތިސާދު ކޮށްގެން، ބަޖެޓު ކޮށްގެންނެވެ. ފައިސާއަކީ އެންމެ އަގުބޮޑު ޚަޒާނާއަށް ވެފައިވާ އިރު، އެ ބޭނުންކުރުމުގެ ކުރިން، ފައިސާ ބޭނުން ކުރާނެ ގޮތެއް ރާވައިލަން ޖެހެ އެވެ. ފައިސާ ހޭދަކޮށްގެން ތަކެތި ގަތުމަށް ބާޒާރަށް ދާ އިރު، ގަންނާނެ ތަކެއްޗާ މެދު ވެސް ވިސްނަން ޖެހެ އެވެ.

1. ބާޒާރަށް ދާ އިރު، އަތުގައި ހުރި ހުރިހާ ފައިސާއެއް ނުގެންދާށެވެ. އޭގެ ބަދަލުގައި، ބާޒާރުގައި އެފަހަރަކު ހޭދަ ކުރެވޭނެ އެންމެ ގިނަ އަދަދެއް ކަނޑައަޅައި، އެ އަދަދަށް ފައިސާ ގެންދާށެވެ. އޭރުން ބާޒާރު ކުރުމުގެ އިތުރަށް، ކުރަން ހުރި އެހެން މުހިންމު ކަންތައްތަކަށް ވެސް ފައިސާ ރައްކާ ކުރެވިފައި ހުންނާނެ އެވެ.

2. ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނު ގަންނަ ނަމަ، ބަލައިލަން ފަސޭހަ، ރީތި އެއްޗެހި ގަތުމަށް ވުރެ ބޮޑަށް، ގިނަ ދުވަހަށް ދެމިގެންދާ، ގިނަ ދުވަހު ބޭނުންކުރެވޭނެ ރަނގަޅު ކޮލިޓީގެ ތަކެތި ހޯދާށެވެ. ކުޑަކޮށް އަގު ބޮޑު ވިޔަސް، ގިނަ ގިނައިން ގަތުމަށް ވުރެ މާ ފަސޭހަ ވެފައި، ޖުމްލަކޮށް ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު ކުޑަ ވާނެ އެވެ.

3. ޕްލާސްޓިކް ކޮންޓޭނަރު ގަތުމަށް ފައިސާ މާ ގިނައިން ހޭދަ ނުކުރާށެވެ. އޭގެ ބަދަލުގައި، ގަންނަ ބައެއް ކާބޯ ތަކެތި ޕެކް ކޮށްފައި ހުންނަ ޕްލާސްޓިކް ކޮންޓޭނަރާއި ފުޅި ފަދަ ތަކެތި ބަދިގޭގައި ތަކެތި ރައްކާ ކުރުމަށް ބޭނުން ކުރާށެވެ. ނިއުޓެލާ ނުވަތަ ކްރަމްޕީ ފަދަ ޗޮކްލެޓް ސްޕްރެޑް ކްރީމް ޕެކް ކޮށްފައި ހުންނަ ބިއްލޫރި ފުޅިތައް، ފެން ބޯ ތަށީގެ ގޮތުގައި ބޭނުން ކުރެވޭނެ އެވެ. ޖޭމް ފުޅި ފަދަ ތަކެތީގައި ކެއްކުމުގައި ބޭނުންކުރާ ބައެއް ތަކެތި ރައްކާ ކުރެވޭނެ އެވެ.

4. ޖަންކް ފުޑް ފަދަ ބޭކާރު، ކޫސަނި ކާބޯ ތަކެތި މާ ގިނަ ގިނައިން ނުހޯދާށެވެ. ޕޮޓޭޓޯ ޗިޕްސް ފަދަ ޖަންކް ފުޑް ގަނެފި ނަމަ، އެތަކެތި ގިނަ ފަހަރަށް ދެމި ހުންނާނީ އެންމެ ދުވަހަކަށެވެ. ގަންނަ ދުވަހު ހުސްވާނެ އެވެ. ނުވަތަ، ކަބަޑެއްގައި އެތަކެތި ރައްކާކޮށް، "ސްޓޮކު" ކޮށްފައި ހުންނަ ނަމަ، އެތަކެތި ވަރަށް އަވަހަށް ހުސް ކޮށްލާ ހިތް ވާނެ އެވެ. މިފަދަ ތަކެތި މާގިނައިން ގަތުމަކީ ފައިސާ ބޭކާރު ކުރުން ކަމަށް ބެލެވިދާނެ އެވެ.

5. އަގު ބޮޑު ފިހާރަތަކަށް ދިއުމުގެ ކުރިން ގެ ކައިރީގައި ހުންނަ ކަންމަތީ ފިހާރަތައް ބަލައިލާށެވެ. ބޮޑެތި ފިހާރަތަކުން އަގު ބޮޑެތިކޮށް ވިއްކާ ބައެއް ތަކެތި، ކުދި ފިހާރަތަކުން އަގު ހެޔޮކޮށް ވެސް ބައެއް ފަހަރު ވިއްކަ އެވެ.