06 Jan 2016, 15:54
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2013 ވަނަ އަހަރުގެ އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ހިމަނާފައި ވަނީ ސައްހަ މައުލޫމާތު ކަމުގައި ގަބޫލުނުކުރައްވާ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރު، އަދި މިހާރު އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން ޝަހީމްގެ ފޭސްބުކް ޕޭޖުގައި މިއަދު ވިދާޅުވެފައި ވަނީ ޝަހީމް އިސްލާމިކް މިނިސްޓަރުގެ ގޮތުގައި ހުންނެވި، 2012 އަދި 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކުގެ ގޮތުގައި އޮޑިޓަރު ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓްތަކުގައިވާ ގޮތުން އިސްލާމިކް މިނިސްޓްރީގެ މާލީ މުއާމަލާތްތައް އާންމު ގޮތެއްގައި މާލިއްޔަތު ގާނޫނާ އެއްގޮތަށް ގެންގޮސްފައިވާކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވައި، އިސްލާމިކް މިނިސްޓްރީގެ ހާއްސަ އޮޑިޓެއް ކުރުމަށް އެދިވަޑައިގެންފައި ވާނެ ކަމަށާއި، އަދި އޮޑިޓަރު ޖެނެރަލްގެ އޮފީހުން އޮޑިޓް ކުރި ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެ އެވެ.
"އެ އޮޑިޓް ރިޕޯޓް ނެރުއްވާފައިވާ އިރު، އެއީ ސައްހަ މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ރިޕޯޓެއް ކަމަށް ނުދެކެމެވެ،" ޝަހީމް ވިދާޅުވެފައިވެ އެވެ.
އެގޮތުން ވަކިން ހާއްސަކޮށް ޒަކާތު ފަންޑުން ސްކޮލަޝިޕް ދިނުމުގެ އުސޫލެއް ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާގަހަކޮށްފައިވާ ވާހަކަ މުޅިން ހަގީގަތާ ހިލާފު ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އުސޫލެއް ނެތި އެވަރުގެ ކަމެއް ކުރިއަށް ގެންދިއުމަކީ ވެސް ބުއްދީގެ ހަމަތަކާ ހިލާފު ކަމެއް ކަމަށާއި އެއުސޫލުމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.
"އަދި ހާއްސަ ކޮމިޓީއެއް އެކުލަވާލާ، އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ރައީސް އޮފީހުން މަންދޫބުން ތިއްބަވައިގެން އެ އުސޫލު ހަމަޖައްސައި، ފާސްކޮށް އާންމުކޮށް އެއަށް ފަހު އަމަލުކޮށްފައި ވާނެ އެވެ،" ޝަހީމްގެ ފޭސްބުކް ޕޭޖުގައިވެ އެވެ.
އޭގެ އިތުރުން މުސްހަފް މާލްދީފްގެ މަޝްރޫއަށް ރާއްޖެ އިން ލިބުނު އެންމެހާ ފައިސާގެ ބޭންކް ސްޓޭޓްމަންޓާ އެކު ރަސްމީކޮށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައި ވާނެ ކަމަށާއި، އެކަމުގެ ރަސްމީ ލިޔުން އިސްލާމިކް މިނިސްޓްރީގައި ހުންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވަނީ ގަވާއިދުތަކާއި އުސޫލްތަކާ އެއްގޮތަށް ނޫނީ އެފަދަ ކަމެއްގައި އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާނެ ކަމަށާއި، ފާޅުކަންބޮޑު ހަގީގަތްތައް އެ އޮފީހުގައި ހުއްޓައި ރައްޔިތުންނަށް އެހެން ގޮތަކަށް ވިސްނޭނެ ފަދަ ގޮތަކަށް މައުލޫމާތު އާންމު ކުރައްވާފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ މަގްސަދާ ގުޅޭގޮތުން ސުވާލު އުފައްދަވާފަ އެވެ.
ޝަހީމް ވަނީ އޮޑިޓް ރިޕޯޓާ ގުޅިގެން އިސްލާމިކް މިނިސްޓްރީއަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އޮޑިޓް ރިޕޯޓެއް ތައްޔާރުކޮށް އެއާމެދު މިނިސްޓްރީގެ ރައުޔު ނުހޯދާ އެ ރިޕޯޓު އާންމު ނުކުރާނެ ކަމަށާއި މިހާރު އާންމުކޮށްފައިވާ ރިޕޯޓަށް "މިނިސްޓްރީ އިން އާނ އެކޭ ވިދާޅުވީ ކޮން އުސޫލުތަކަކަށް ބަލައިގެން"ތޯ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"ރަސްމީ ލިޔެކިޔުންތަކާ ބޭންކް ސްޓޭޓްމަންޓްތައް ރަސްމީކޮށް ހުށަހަޅާފައި ހުންނަ އިރު އެކަންކަން އޮއްބާލާފައި، އިލްޒާމު އެޅުވޭގޮތަށް ކަންކަން ކުރުމުން ސިޔާސީ މަގުސަދެއްގައި ނަމަވެސް އެ ކުރެވެނީ ހަމަޖެހޭ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އުފެދޭނީ ދެކޮޅުވެރިކަމާއި ނަފުރަތެވެ." ޝަހީމް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތެރޭގައި އާއްމުކުރި އިސްލާމިކް މިނިސްްޓްރީގެ 2013 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ގޮތުގައި 2013 ވަނަ އަހަރު ކައުންސިލްތަކަށް ލިބިފައިވާ ފައިސާ އިސްލާމިކް މިނިސްޓްރީ އަށް ލިބުނުކަން ކަށަވަރު ކުރެވެން ނެތްކަމަށް ވަނީ ބުނެފަ އެވެ.
މާލީ އަހަރު ނިމޭ ފަހުން ކުރެވުނު ބައެއް ހަރަދުތައް އެ އަހަރުގެ މާލީ ބަޔާންތަކުގައި ހިމަނާފައިނުވުވުމާއި ހަރުމުދަލުގެ ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. ހަމައެހެންމެ މިނިސްޓްރީން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް ލަސްވެފައިވާ އިރު އެކަށީގެންވާ ބާރު މިނެއްގައި ފިޔަވަޅު އަޅާފައި ނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.