ސުލްހަ ގާއިމު ކުރުމުގެ މަގުސަދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރާ ޕީސް ބޯޓު، ދެ ދުވަހުގެ މުއްދަތަށް ރާއްޖޭގައި މަޑު ކުރުމަށް ފަހު ރޭގެ ވަގުތެއްގައި ފުރައިފި އެވެ.

ސިންގަޕޫރުން ފުރައިގެން ރާއްޖެ އައި އެ ބޯޓުން ދަތުރުކުރި ގިނަ އަދަދެއްގެ ފަތުރުވެރިން މާލެއަށް ފައިބައިފައިވެ އެވެ.

އެ ބޯޓުން މާލެ ފޭބި ބައެއް ފަތުރުވެރިންނާއި ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް (ޖޭސީއައި)ގެ ކާފު ޗެޕްޓާގެ ބައެއް ފަރާތްތައް ގުޅިގެން ވަނީ އިއްޔެގެ ވަގުތެއްގައި އާޓިފިޝަލް ބީޗު ސަރަހައްދު ސާފުކޮށްފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މީހުން ގޮވައިގެން އެކި ގައުމުތަކަށް މަޑު ކުރާ ޕީސް ބޯޓަކީ 1400 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އެ ބޯޓު އުފައްދާފައި ވަނީ 1981 ވަނަ އަހަރު ޑެންމާކުގަ އެވެ. އެބޯޓުގައި 250 ވަރަކަށް ކުރޫއިންނާއި އޮފިސަރުން މަސައްކަތް ކުރެ އެވެ.

ޕީސް ބޯޓު ވަނީ 2013 ވަނަ އަހަރު ވެސް ރާއްޖެއަށް އައިސްފަ އެވެ.