ޖަރުމަނުގެ ހިމާޔަތަށް އެދި މިދިޔަ އަހަރު އެކަނިވެސް 1.1 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ޖަރުމަނުގެ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެމްބަރާ ހަމައަށް އެގައުމުގެ ހިމާޔަތަށްއެދި އެއް މިލިއަނަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާއިރު، އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ސީރިޔާގެ މީހުންނެވެ.

އެގޮތުން ދާހިލީ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ސީރިޔާއިން އެކަނި ވެސް މިދިޔަ އަހަރު ހަތަރު ލައްކައަށްވުރެއް ގިނަ މީހުން ހިމާޔަތަށްއެދި އެގައުމުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ޖަރުމަނުން ބުނެއެވެ.

ސީރިޔާއަށްފަހު ދެން އެންމެ ގިނަ ބަޔަކު ޖަރުމަނުގެ ހިމާޔަތަށްއެދި ރަޖިސްޓަރީ ކޮށްފައިވަނީ އަފްޣާނިސްތާނުންނާ އިރާގުންނެވެ.

ޔޫރަޕުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު، ޖަރުމަނަށް އެތެރެވި ރެފިއުޖީންނާއި އެގައުމަށް ހިޖުރަކުރާ މީހުން ގިނަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު ޑިސެމްބަރު މަހު ޖަރުމަނަށް އެތެރެކުރި މީހުންގެ އަދަދު މަދެވެ. އެގޮތުން މިދިޔަ ޑިސެމްބަރު 127،000 އަށްވުރެ ގިނަ މީހުން ޖަރުމަނަށް އެތެރެވެފައި ވާއިރު، ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެގައުމަށް ވަނީ 206،000 މީހުން އެތެރެވެފައެވެ. (އޭޕީ)