ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާކުރި ނައިޖީރިއާގެ ދީނީ އިލްމުވެރިއަކު ދަންޖައްސައި މެރުމަށް އެ ގައުމުގެ އިސްލާމީ ޝަރީއަތް ހިނގާ ކޯޓަކުން ހުކުމް ކޮށްފި އެވެ.

އަބްދުލް ނިޔާސް ނަމަކަށްކިޔާ އެ މީހާ މެރުމަށް އިއްޔެ ހުކުމް ކޮށްފައި ވަނީ އޭނާގެ ޝަރީއަތް ސިއްރުކޮށްގެން ބާއްވާތާ ނުވަ މަސް ފަހުންނެވެ.

ނައިޖީރިއާގެ އުތުރުގައި އޮންނަ ކަނޯގައި ހުންނަ ކޯޓުން އޭނާގެ ޝަރީއަތް ސިއްރުކޮށްފައި ވަނީ އެކަމާ ދެކޮޅަށް އެގައުމުގެ ބަޔަކު ނުކުމެ ހަޅުތާލުކޮށް މުޒާހަރާކޮށްފާނެތީ އެވެ.

ރަސޫލާ އަށް ފުރައްސާރަ ކުރުމުގެ އިތުރުން ނައިޖީރިއާގެ ޝަރީއާ ކޯޓެއްގަ އާއި ބައެއް ވެހިކަލްތަކުގައި ރޯކޮށްލި މައްސަލައެއްގައި އޭނާގެ މައްޗަށް އަނިޔާވެރިކަމަށް ހިތްވަރު ދިނުމުގެ ތުހުމަތެއް ވެސް ވަނީ އުފުލައިފަ އެވެ.

އޭނާ މެރުމަށް ހުކުމްކުރުމުގެ ކުރިން ފުލުހުންގެ އިތުރުން ފަސް މީހެއްގެ ހެކި ބަސް ވެސް ވަނީ ކޯޓުން ނަގައިފަ އެވެ.

ދީނީ ހަފްލާއެއްގައި ރަސޫލާ އަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އަބްދުލް ނިޔާސް އާ އެކު އިތުރު 13 މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގަ އެވެ. އަދި އޭނާއަށް ތާއީދު ކުރި ފަސް މީހަކު ވަނީ މިދިޔަ އަހަރު މެރުމަށް ހުކުމްކޮށްފަ އެވެ.

މިއީ ނައިޖީރިއާގެ އިސްލާމީ ޝަރިއްޔާ ކޯޓަކުން ފުރައްސާރަކުރި މީހަކު މެރުމަށް ހުކުމްކުރި ފުރަތަމަ ފަހަރެވެ. (ނޫސް އެޖެންސީތައް)