ތައިލެންޑްގައި ގަދަކަމުން މީހުން ގެއްލުވާލާފައިވާ މައްސަލަތައް ބެލުމަށާއި މީހުން ގަދަކަމުން ގެއްލުވައިލުމަކީ ކުށަކަށް ހެދުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ޒައިދު ރައަދު އަލް ޙުސައިން ގޮވާލައްވައިފި އެވެ.

ތައިލެންޑްގެ ގަދަރުހުރި މުސްލިމް ގާނޫނީ ވަކީލެއް ކަމަށްވާ ސޮމްޗާއީ ނީލަޕައިޖީތު ހިމެނޭ ގޮތުން، ގެއްލިފައިވާ 82 މީހުން ހޯދުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް، ދެމެހެއްޓެނިވި ގޮތަކަށް އެޅުމަށް ތައިލެންޑް ސަރުކާރަށް ޙުސައިން ގޮވައިލެއްވި އެވެ.

"... އެމީހުންގެ އާއިލާގެ މީހުންނަށްވީ ގޮތަކާއި އެމީހުން ހޯދުމަށް ކުރާ ތަހުގީގުގެ ކަންތައްތައް ގޮސްފައިވާ ހިސާބެއް އެނގުމަކީ ގެއްލިފައިވާ ހުރިހާ އެންމެންގެ އާއިލާގެ ހައްގެއް،" އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ޒައިދު ރައަދު އަލް ޙުސައިން އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޔޫއެންގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ގާނޫނީ ވަކީލު ސޮމްޗާއީ ނީލަޕައިޖީތު ގެއްލުވައިލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަސް ފުލުހެއްގެ މައްސަލަ ނުބެލުމަށް ތައިލެންޑްގެ އެޕީލްސް ކޯޓުން ނިންމާފައިވާ ނިންމުމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ނިންމާފައި ވަނިކޮށެވެ.