09 Jan 2016, 12:49
މި އަހަރުގެ ސީޒަނަށް ކްލަބު ވެލެންސިއާ ނިކުންނަ އިރު އެ ކްލަބު ނުކުންނާނީ އާ ބޯޑަކާ އެކު އާ މެނޭޖުމެންޓެއްގެ ދަށުން ކަމަށް އެކުލަބުން ބުނެފި އެވެ.
ވެލެންސިއާގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މި އަހަރުގެ ސީޒަނަށް ވެލެންސިއާ ނުކުންނާނީ އާ ބޯޑަކާއެކު ކަމަށެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރު ވެލެންސިއާ އަށް ރާއްޖޭގެ ފުޓްބޯޅާގައި އެދެވޭ ހިސާބަކަށް ނުދެވި އޮތުމުގައި އޭރުގެ އެކްސްކޯ އިން ނަގަން ޖެހޭ ޒިންމާ ނުނަގައި އޮތްކަން އޮފިޝަލު ފާހަގަ ކުރެއްވި އެވެ.
ވެލެންސިއާގެ އާ ބޯޑުން މަސައްކަތް ކުރާނީ ކްލަބުގެ ސަޕޯޓަރުންގެ އުންމީދުތަކަށް ވާސިލުވުމަށް ކަމަށާއި އެގޮތުން ކްލަބު ވަރުގަދަ ކުރުމަށް ނަން މަޝްހޫރު ހުނަރުވެރި ކުޅުންތެރިން ގެނައުމުގެ މަސައްކަތް ފަށާފައިވުމަކީ ވެސް އޭގެ ހެއްކެއް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ވެލެންސިއާއަކީ ސަޕޯޓަރުން ގިނަ ޓީމެއް. މި ކްލަބުގެ ސަޕޯޓަރުން ކްލަބާ މެދު އުންމީދުތަކެއް ކުރޭ، ވޭތުވެ ދިޔަ ހަތަރު އަހަރު މި ކްލަބު ހޭދަ ކުރީ އެއްވެސް މަޝްހޫރު ހުނަރުވެރި ކުޅުންތެރިޔަކު ނެތި. މިދިޔަ ސީޒަންގައި އަކުރަމް ޢަބްދުލް ޣަނީ ވެލެންސިއާ ގުޅުންފިޔަވައި އެއްވެސް އިތުރު މަޝްހޫރު ނަމެއް ނެތް. އެހެންވެ މިއަހަރު އާ މެނޭޖުމެންޓުން ޓީމަށް މަޝހޫރު ކުޅުންތެރިން ހޯދައި ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް މިވަނީ ފަށާފައި،" ކުރިން ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ޓީމުގެ އޮފިޝަލް ވިދާޅުވި އެވެ.
ވެލެންސިއާ އިން ވަނީ އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން މިދިޔަ ސީޒަންގައި ނިއުގެ ޑިފެންސް ބެލެހެއްޓި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހްމަދާއި ގައުމީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލު އެޓީމަށް ގެނެސްފަ އެވެ.
އާ ސީޒަނަށް ވެލެންސިއާ އާ މެނޭޖުމެންޓަކާ އެކު ނިކުންނައިރު މިދިޔަ ސީޒަންގައި އެކުލަބުގެ އެސިސްޓެންޓް ކޯޗް މުޙައްމަދު އިޤްބާލް ބުނެފައި ވަނީ ވެލެންސިއާ އަށް ކާމިޔާބެއް ނުހޯދުނަސް ފުރަތަމަ ޑިވިޝަންގައި އޮތުން ފުދޭ ކަމަށް ބުނާ މީހުން ވެލެންސިއާ (ބޯޑު)ގައި އެބަތިބި ކަމަށެވެ.