ދެމަފިރިންނާ ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަަކޮށްގެން "އެންޑް ދޭ ލިވްޑް ހެޕިލީ އެވާ އާފްޓާ"ގެ ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް އަލް އަސްރު އިން ނިންމައިފި އެވެ.

މި އަހަރުގެ ކުރީކޮޅުގައި އެ ޖަމިއްޔާ އިން އިން ވަނީ "ލަވް އެންޑް މެރިއޭޖް"ގެ ނަމުގައި ވެސް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފަ އެވެ. މިފަހަރު ބާއްވަން ނިންމާފައި ވަނީ އެ ވޯކްޝޮޕްގެ ދެވަނަ ބައި ކަމަށް އަލް އަސްރުން ބުނެ އެވެ.

އަލް އަސްރު އިން ބުނީ މި ވޯކްޝޮޕްގެ ދެވަނަ ބައެއް ކުރިއަށް ގެންދަން ނިންމީ ފުރަތަމަ ބަޔަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުމުން ކަމަށެވެ.

މި މަހުގެ 22 ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ "ލަވް އެންޑް މެރިއޭޖް"ގައި ވެސް ކިޔަވައި ދެއްވި ސްރީލަންކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް މުޢިއްޒު ބުޚާރީ އެވެ. މުޢިއްޒު ބުޚާރީ އަކީ ދީނި އިލްމު ފެތުރެއްވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

މި ވޯކްޝޮޕްގައި ކައިވެނީގެ މަގްސަދުތަކާއި ކައިވެނީގެ މާތް ގުޅުމުގެ މައުލޫމަތުގެ އިތުރުން ދެމަފިރިންގެ ދެމެދުގައި ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެ އެވެ.

"އެންޑް ދޭ ލިވްޑް ހެޕިލީ އެވާ އާފްޓާ"ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ޓިކެޓް ވިއްކަން ފަށައިފަ އެވެ. ޓިކެޓެއް 350 ރުފިޔާއަށް ވިއްކާ އިރު، ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރު، ދިރިއުޅޭ އެޑްރެސް އަދި އީމެއިލް އެޑްރެސް 7925277 އަށް އެސްއެމްއެސް ކުރުމުން ޓިކެޓް ޑެލިވަރީ ކޮށްދޭނެ ކަމަށް އަސްރު ޖަމިއްޔާ އިން ބުނެ އެވެ.

ވޯކްޝޮޕްގައި ދެމަފިރިން ނުވަތަ ކައިވެނި ކުރަން ބޭނުންވާ ދެމީހުން އެކުގައި ބައިވެރިވާ ނަމަ، ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އަލް އަސުރުންބުނީ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ވޯކްޝޮޕް ބޭއްވުމަށް ހޭދަވާ ހަރަދުތަކަށާއި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކަމަށެވެ.

އަލް އަސްރު އާއި އިސްލާމިކް މިނިސްޓްރީ އަދި ސްރީލަންކާގެ ސަކީނާ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕް އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.