11 Jan 2016, 08:58
ޔަމަނުގައި ޑޮކްޓާސް ވިތައުޓް ބޯޑާސްގެ އެހީއާއި އެކު ހިންގާ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ އެވެ.
ޔަމަނުގެ ރާޒަހް އަވަށުގައި ހުންނަ ޝިއަރާ ހޮސްޕިޓަލުގެ ދާދި ކައިރިއަށް ދެވުނު މިސައިލް ހަމަލާއާ ގުޅިގެން، އެ ހޮސްޕިޓަލުގެ އިމާރާތް ހުންނަ ގޯތީގައި ހުރި ބައެއް އެހެން އިމާރާތްތައް ވަނީ ބިމާއި ހަމަ ވެފަ އެވެ.
ޑޮކްޓާސް ވިތައުޓް ބޯޑަސްއިން ބުނީ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޝިއަރާ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައި އެ ޖަމިއްޔާގެ ތިން މުވައްޒަފަކަށް އެ ހަމަލާގައި އަނިޔާ ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މުވައްޒަފެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އެޖަމިއްޔާއިން ބުނެ އެވެ.
އެ ޖަމިއްޔާއިން ބުނީ، މި ހަމަލާ ދިނީ ކޮން ބައެއް ކަމެއް ދެނެގަނެވިފައި އަދި ނުވާ އިރު، އެވަގުތު އެސަރަހައްދުގެ ވައިގެ ތެރޭގައި މަތިންދާ ބޯޓުތަކެއް އުދުހެމުން ދިޔަ މަންޒަރު ފެނިފައިވާ ކަމަށެވެ. އެހެންކަމުން، ހަމަލާއަށް ފަހު، އެ ހޮސްޕިޓަލުގެ ހުރިހާ ޕޭޝަންޓުންނާއި މުވައްޒަފުން ވަނީ އެހެން ހޮސްޕިޓަލުތަކަށް ބަދަލު ކުރެވިފަ އެވެ.
ޔަމަނުގައި ހޫޘީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އަރަބި އިއްތިހާދަކުން ހަމަލާތަކެއް ދެމުން ދާ އިރު، އެ އިއްތިހާދުން ދަނީ ބޮމުގެ ވަރުގަދަ ހަމަލަތަކެއް ދެމުންނެވެ.
ޑޮކްޓާސް ވިތައުޓް ބޯޑާސްއިން ބުނީ، ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް، އެ ޖަމިއްޔާގެ މުވައްޒަފުން ތިބެގެން ހިންގާ ހޮސްޕިޓަލުތައް ހުންނަ ލޮކޭޝަންތަކުގެ ޖީޕީއެސް ކޯޑިނޭޓުތައް އާންމުކޮށް ހިއްސާ ކުރެވޭ ކަމަށެވެ.
"މި ހަމަލާ ދިން ބަޔަކަށް ނޭނގި ނުދާނެ، މި ސަރަހައްދުގައި ޑޮކްޓާސް ވިތައުޓް ބޯޑާސްއިން ހިންގާ، އަދި މުހިންމު ސިއްހީ ޚިދުމަތްތަކެއް ދެމުން ގެންދާ ހޮސްޕިޓަލެއް ހުންނަ ކަން،" އެ ޖަމިއްޔާގެ ތަރުޖަމާނަކު ބުންޏެވެ.