11 Jan 2016, 14:45
ސްކޫލްތައް ފެށެން އެއް ދުވަހަށް ވެފައިވާ އިރު ކިޔަވައިދޭން ފަށަން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް "ސަން"އަށް މިއަދު ވިދާޅުވީ، ކިޔަވަން ފަށާ ދުވަހު ކުދިންނަށް ފޮތްތައް ދެވިގެންދާނެ ކަމަށާއި މިހާރު ފޮތްތައް ސްކޫލްތަކަށް ފޮނުވަމުންދާ ކަމަށެވެ.
"މިހާރު ފޮތްތައް އޮންދަވޭ(ދިއުމުގެ މަގުމަތީ)ގައި އުޅެނީ، އިރާދަކުރެއްވިޔާ 13 ވަނަ ދުވަހު ކުދިންނަށް ފޮތް ލިބޭނެ." އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ކިޔެވުން ފެށޭ އިރު އެހެން އަހަރުތަކުގައި ޓީޗަރުން ހަމަނުވުމުގެ މައްސަލަ ކުރިމަތިވަމުންދިޔަ ނަމަވެސް މިއަހަރު ކިޔެވުން ފެށޭ އިރު ޓީޗަރުންގެ ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ އަހަރަށް ސްކޫލްތައް ހުޅުވައި ކިޔެވުން ފަށަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.