12 Jan 2016, 12:11
ޓީސި ސްޕޯޓްސްއިން މިހާރު އެކުލަވާލަފައިވާ ސްކޮޑާއެކު މިއަހަރުގެ ސީޒަނަށް ނިކުންނާނީ ގަދަ ހަތަރެއްގައި ދެމިއޮތުމާއެކު ތައްޓެއް ހޯދުމުގެ އަމާޒުގައި ކަމަށް އެ ކްލަބުގެ ކޯޗް މުޙައްމަދު ނިޒާމް (ނިޒާންބެ) ބުނެފިއެވެ.
ޓީސީގެ މީޑއާ ޕާޓްނަރަކަށް ރާއްޖެ ޓީވީ ހަމައްޖައްސައި މީޑއާ ޕާޓްނާޝިޕް އެގްރިމެންޓްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނިޒާންބެ ބުނީ، މިދިޔަ އަހަރުގެ ސީޒަންގައި ކުލަބުގެ މެނޭޖުމެންޓުން އޭނާއަށް ހަވާލުކޮށްފައި އޮތީ ގަދަ ހައެއްގައި ހިމެނުން ކަމަށާއި ނަމަވެސް ލީގްގެ ދެ ވަނައިގައި ނިންމާލެވުމާއެކު މިއަހަރު އެއަށްވުރެ މައްޗަށް ދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
"ޓީސީއިން ދޭ ބަޖެޓަކާއެކު، މެނޭޖުމެންޓުން އަޅުގަނޑާ މިއަހަރު ހަވާލުކޮށްފައި އޮތީ ގަދަ ހަތަރެއްގައި ނިންމާލުން. ޓީސީއަކީ މިހާރު ވަރުގަދަ އޮޕޯނަންޓެއް. މިހާރު އޮތް ސްކޮޑާއެކު ޓީސީގެ މިއަހަރުގެ އަމާޒަކީ ތައްޓަކާއެކު ނިންމާލުން،" ނިޒާންބެ ބުންޏެވެ.
ނިޒާންބެ ބުނީ އެފްއޭއެމްއިން މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރު ފޮނުވުން ލަސްވުމާ ގުޅިގެން ކުޅުންތެރިންނާ އެގްރިމެންޓް ހެދުމުގަޔާއި ޕްރެކްޓިސް ފަށާނެ ތާރީޚެއް ކަނޑައެޅުމުގައި ދަތިތަކެއް ކުރިމަތިވެގެން ދިޔަކަމަށާއި މިހާރު އަމާޒަކީ ފެބްރުއަރީ ފުރަތަމަ ހަފުތާ ތެރޭގައި ޕްރެކްޓިސް ފެށުން ކަމަށެވެ.
ޓީސީއަކީ އަބަދުވެސް އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ހާއްސަ އިސްކަމެއްދޭ ކުލަބެއް ކަމަށާއި ޓީސީއާ އަލަށް ގުޅޭ ކުޅުންތެރިންނަށްވެސް ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި ކުޅުންތެރިޔެއްގެ ޕާފޯމަންސަށް ބަލާފައި ކުޅުމުގެ ފުރުސަތު ޓީސީގައި ނުލިބި ނުދާނެ ކަމަށް ވެސް ނިޒާންބެ ބުންޏެވެ.
ޓީސީއިން ވަނީ މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ސީޒަންގައި ނިއުގެ ވައިސްކެޕްޓަންކަން ކުރި ޢަލީ ފާސިރު (ސެންޓޭ) އާއި ނިއުގެ ހަމްޒަތު މުޙައްމަދު (ހަމްޕު)އާއި އަހްމަދު ޢަބްދުﷲ (ލިލީ) ޓީސީއަށް ގެނެސްފައެވެ.