ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ޓޫރިސްޓު ރިސޯޓުތައް ތަރައްގީކުރުމަށް ރަށްތައް ކުއްޔަށް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ސުވާލުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އަދީބުގެ ގާނޫނީ ވަކީލުގެ ހާޒިރުގައި އެމަނިކުފާނާ އޭސީސީން ސުވާލުކުރީ އިއްޔެ މެންދުރުފަހު 2:30ގައެވެ.

އިއްޔެ އޭސީސީން އަދީބާ ސުވާލުކުރީ ތަހުގީގު ކުރިއަށްގެންދިޔުމަށް ބޭނުންވާ މައުލޫމާތުތައް ސާފުކުރުމުގެ ގޮތުންނެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އަދިވެސް އެ ކޮމިޝަނުން ވަނީ އަދީބާ އިތުރު ސުވާލުތަކެއް ކުރަން ނިންމާފައެވެ.

އޭސީސީން އަދީބާ ސުވާލުކޮށްފައިވާއިރު، ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ކަމުގެ ތުހުމަތުގައި ފުލުހުން ވެސް މީގެކުރިން ވަނީ އަދީބާ ސުވާލުކޮށްފައެވެ. ފުލުހުންގެ ތަހުގީގު ނިންމައި އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

ނަމަވެސް އޭސީސީގެ ތަހުގީގު ނިމުމުން ނޫނީ އަދީބުގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނުނިންމުމަށް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ ނިންމަވާފައެވެ.

އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ އަދަދު 50 އަށް އަރައެވެ.