ފީފާއިން ދޭ އަހަރުގެ އެންމެ މޮޅު ގޯލް ގެ އެވޯޑް ބާސެލޯނާގެ ލިއޮނަލް މެސީއާ ވާދަކޮށް ބްރެޒިލްގެ ވެންޑެލް ލީރާ ކާމިޔާބް ކޮށްފި އެވެ.

މިހާރު ވިލަ ނޯވާ އަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ވެންޑެލް އަށް އެ އެވޯޑް ލިބުނީ މިދިޔަ އަހަރު ބުރެޒިލްގެ ގޯއިސް ސްޓޭޓް ޗެމްޕިއަންޝިޕްގައި އެޓްލެޓިކޯ ގޮއިނެންސް ކޮޅަށް ޖެހި ރީތި ބައިސިކަލް ކިކް ގޯލްއިންނެވެ.

"މި އީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެކާއި ފަޙްރެއް. މީގެ ކުރިން އަހަރެން މި ކުޅުންތެރިން ދެކިފައި ވަނީ ޓީވީ އިން ނަމަވެސް އެ ކުޅުންތެރިންނާއި އެކީ އެއް ތަނަކުން ދިމާވުމުން ވަރަށް އުފާވެއްޖި. އަހަރެންނަށް މި އެވޯޑް ލިބުމުގެ ފަހަތުގައި ހުރި އެންމެނަށް ޝުކުރު އަދާކުރަން،"

ރޭ ސުވިޒަލެންޑްގެ ޒިޔުރިކްގައި ބޭއްވި ފީފާ އެވޯޑް ނައިޓްގައި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލް ޖެހި ކުޅުންތެރިއާއަށްދޭ ފީފާ ޕުސްކަސް އެވޯޑް ބްރެޒިލްގެ ގޮއިނޭސިއާ އަށް ކުޅޭ ވެންޑެލް ކާމިޔަބްކުރީ ވޯޓްގެ 46.7 ޕަސެންޓް ހޯދައިގެންނެވެ. ދެވަނަ އަށް ދިޔައީ މިދިޔަ އަހަރުގެ ކޮޕަޑެލެރޭ ފައިނަލްގައި އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް މެސީ ޖެހި ގޯލެވެ. އެ ގޯލަށް ލިބުނީ ވޯޓުގެ 33.3 ޕަސެންޓް އެވެ. އަދި ވޯޓްގެ 7.1 ޕަސެންޓް ލިބިގެން ރޯމާގެ އެލިސަންޑްރޯ ފުލޮރިންޒީ ދިޔައީ ތިން ވަނަ އަށެވެ.