ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިންކަމަށްވާ އެއާ ޗައިނާ އިން ވަރަށް އަވަހަށް ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން މިއަދު ބުނީ އެއާ ޗައިނާ އިން ރާއްޖެ އަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށާއި އެ އެއާލައިން އިން ދަތުރުކުރާނީ ޗައިނާގެ ދެކުނުގައިވާ ޗޮންގިން ނަމަކަށް ކިޔާ ރަށާއި ރާއްޖެއާ ދެމެދު ކަމަށެވެ. ނަމަވެސް ދަތުރުތައް ފަށާނީ ކޮން ތާރީހެއްގައި ކަމެއް އެ އެޖެންސީއަކުން ނުބުނެ އެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވައިގެ ދަތުރުތައް އިތުރުވުމާއި އެގައުމުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން، އެގައުމުން ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މިއަހަރު އިތުރުވެގެންދާނެ ކަމަށެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ވައިގެ ދަތުރުތައް މި އަހަރު އިތުރުވާނެ ކަމަށާއި އެއީ ރާއްޖޭގެ މެގަމޯލްޑިވްސް އެއާލައިން އެގައުމުގެ އިތުރު މަންޒިލަކަށް ދަތުރު ކުރަން ފެށުމާއި އެއާ ޗައިނާ އިން ރާއްޖެއަށް ދަތުރުތައް ފަށާތީ ކަމަށް ޒިންހުއާ ނިއުސް އެޖެންސީގެ ހަބަރުގައި ބުނެފައިވެ އެވެ.

ޗައިނާ މީހުން ރާއްޖެ އަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ޓަކައި މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ޗައިނާގެ ފުރަތަމަ މީހާއަށާއި 500000 ވަނަ މީހާއަށް ވަނީ އިނާމެއް ހުށަހަޅައިފަ އެވެ. ފާއިތުވި އަހަރު ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 323000 މީހުންނެވެ. އޭގެ ކުރީ އަހަރު 360000 މީހުން ޗައިނާ އިން ރާއްޖެ އަށް ޒިޔާރަތްކުރި އެވެ.