13 Jan 2016, 13:52
އެކަނި ނުވަތަ އާއިލާއާއި ރަހުމަތްތެރިންނާ އެކު ދަތުރު ކުރާ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓްތަކާ އެކު ގަތަރު އެއާވޭސްގެ ފުރަތަމަ ޓުރެވަލް ފެސްޓިވަލެއް ފައްޓައިގެން ކުރިއަށް އެބަދެ އެވެ.
މިދިޔަ ހޯމަ ދުވަހު ފެށި ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ އެއާލައިނުން ބުނީ އެ ފެސްޓިވަލުގެ ދަށުން، 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި އެކަކަށް ވުރެ ގިނަ މީހުން ކުރާ ދަތުރުތަކުގައި އެއް ޓިކެޓުގެ އަގުގައި ދެ ޓިކެޓް ހޯދުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން އާއިލާ ނުވަތަ ގްރޫޕްތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތަކެއްގެ އިތުރުން، އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ޓިކެޓު ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތެއް ނެގޭނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ 150 ނަސީބުވެރިންނަށް ހާއްސަ އިނާމުތަކެއް ކަނޑައެޅިފައިވެ އެވެ.
ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހޮޓެލް ޕެކޭޖްތަކާއި ގަތަރު ޑިއުޓީ ފްރީ ބުޓީކްތަކުން ވިޔަފާރި ކުރުމަށް ޝޮޕިން ވައުޗަރުތަކާއި ކާރު ކުއްޔަށް ނެގުމުގައި ޑިސްކައުންޓްތަކާއި ބިޒްނަސް ކްލާހަށް އަޕްގްރޭޑް ކުރުމާ ކޮމްޕލިމެންޓްރީ ފްލައިޓްތައް ހިމެނެ އެވެ.
މި މަހުގެ 17 ގެ ނިޔަލަށް ޓިކެޓް ނަގާ ފަރާތްތަކަށް ފެސްޓިވަލުގައި ބައިވެރިވެވޭ އިރު، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް އެ ޓިކެޓްތަކުގައި ދަތުރު ކުރެވޭނެ އެވެ.
ޕްރޮމޯޝަންގެ ދަށުން 150 އަށް ވުރެ ގިނަ މަންޒިލަކަށް ދަތުރު ކުރެވޭ އިރު، އޭގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކާއި މެދު އިރުމައްޗާއި އިންޑިއާ ކަނޑުގެ ގައުމުތަކާއި އޭޝިޔާ، އެފްރިކާ އަދި އެމެރިކާ ވެސް ހިމެނެ އެވެ.