13 Jan 2016, 15:13
ތ. މަޑިފުށީގައި ބިން ހިއްކާފައިވާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑު ހިލައިގެ ތޮށްޓެއް( ރިވެޓްމެންޓްއެއް) ޖެހުމުގެ މަސައްކަތާއި ގއ. ވިލިނގިލީގައި ހަދާ ދެވަނަ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
އެ ދެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ ހައުސިން މިނިސްޓްރީގައި އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ދެމަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބުރާހީމް ޢަބުދުއް ރައްޒާގު ޙަލީމެވެ.
މަޑިފުށީގައި ހިއްކާފައިވާ ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46 މިލިޔަން ރުފިޔާގެ އަގަކަށެވެ. އަދި ވިލިނގިލީ ދެވަނަ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރީ 25 މިލިޔަން ރުފިޔާގެ އަގަކަށެވެ. އެ މަސައްކަތް ވެސް ހަވާލުކުރީ އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.